English Edition
Dhivehi Edition
ޤައުމީ އިނާމް ދިނުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

މިއަހަރުގެ ޤައުމީ އިނާމް އައްޑޫސިޓީގެ 7 ބޭފުޅަކު ހޯއްދަވައިފިއެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި އައްޑޫސިޓީ ހިތަދޫ ކެމީ ޙަސަން ލަބީބު ވަނީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމް ހޯއްދަވާފައެވެ. އޭނާ މި މަޤާމް ޙާސިލް ކުރެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ނެވެ.

ޝަރަފްވެރިކަމުގެ އިނާމް ޙާސިލްކުރެއްވި ޙަސަން ލަބީބް އިނާމާއި ޙަވާލުވުން

ރޭ ވަނީ ކީރިތި ޤުރްއާން ހިތު ދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލް ޖުމްހޫރިއްޔާ ގެ ޚާއްސަ މެޑެލް ޙާސިލު ކުރެއްވި 11 ޙާފިޒުންގެ ތެރޭގައި ވެސް އައްޑޫސިޓީގެ ބޭފުޅަކު ހިމެނިފައެވެ.

ލަތީފާ މުޙައްމަދު

ހިތަދޫ ގޯލްޑަން ފްލާވަރ އަލްޙާފިޡާ ލަތީފާ މުޙައްމަދަށް މި މެޑަލް ލިބިލެއްވިއިރު ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7،8 ،ނުވަތަ 9 ގެ ސަނަދެއް ޙާސިލު ކުރެއްވުމުގައި އެންމެ މަތީ ވަނައެއް ހޯއްދަވައިގެން ސ.ހުޅުދޫ ކަށިމާގޭ ޢައިޝަތު ޒިލްމާވެސް ވަނީ އިނާމް ޙާސިލް ކުރައްވާފައެވެ. ޒިލްމާ އެންމެ މަތީ ދަރަޖައިން ފާސްވެފައިވަނީ މާސްޓަރސް ޑިގްރީއިންނެވެ.

އައިޝަތު ޒިލްމާ

އެންމެ މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމް، ލެވެލް 10 ގެ ސަނަދަކުން ވެސް އައްޑޫސިޓީގެ ބޭފުޅަކު ހޯއްދަވާފައިވެއެވެ. އެއީ އައްޑޫސިޓީ އަނގޮޓީގޭ ޑޮކްޓަރ މަރިޔަމް ޝަރީފާ އެވެ.

ޑޮކްޓަރ މަރިޔަމް ޝަރީފާ

ރޭ ޤައުމީ އިނާމް ޙާސިލު ކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމާއި ކީރިތި ޤުރްއާންގެ ޢިލްމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ސ.ހިތަދޫ މާވްލަސް ލަތީފާ މުޙައްމަދު ހޯއްދެވިއިރު، މަސައްކަތްތެރި ކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން ސ.ހިތަދޫ ސަރާސަރުގޭއާގޭ ފާތިމަތު ޝިފާ މޫސާދީދީ ވަނީ އިނާމް ޙާސިލް ކުރައްވާފައެވެ.

 

 

ލަތީފާ އަޙްމަދު

އޭގެ އިތުރުން ސ.ފޭދޫ ހަނދުވަރީގޭ ޢަލީ ރަޝީދަށްވެސް ވަނީ މި އިނާމް ލިބިވަޑައިގެންފައެވެ. ޢަލީ ރަޝީދަށް އިނާމް ލިބިވަޑައިގެންނެވީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުންނެވެ.

ޢަލީ ރަޝީދު

މިއަހަރުގެ ޤައުމީ އިނާމް ދިނުމުގެ ޙަފްލާގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގެންނެވީ 11 ބޭފުޅަކަށެވެ. މީގެއިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން 11 ޙާފިޡަކުވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރައްވާފައެވެ.