English Edition
Dhivehi Edition

އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.

ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައި އެކަންޏެވެ. ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.

ޑޮޕްލަރ ވެދަރ ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާކުރެވޭ ވަގުތު ދެނެގަނެވެއެވެ. މީގެ އިތުރުން އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތުވެސް ދެނެގަނެވެއެވެ.

މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ މޫސުމަކީ ހުރިހާ އެންމެންނަށް ވެސް މުހިއްމު އެއްޗެއްކަމާއި މި ކުރާ މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް އަދި އާންމު ރައްޔިތުންގެ ދިިރިއުޅުމަށް ވަރަށް ބޮޑު ގުޅުމެއް ވާކަންތައްތަކެއްކަމަށެވެ.

މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ.