އައްޑޫ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހަދަމުންދާ މަގުގެ މަސައްކަތް ހުއްޓާލުމުގެ ޢިޝާރާތެއް ސަރުކާރުން ކުރުމަކީ އެތައް ބަޔަކަށް ލިބުނު ކުއްލި ސިހުމެކެވެ. ވަކިން ޚާއްސަކޮށް ތަރައްޤީއަށް ފެންބޮވައިގެންފައިވާ އައްޑޫގެ ރައްޔިތުންނަށް މިއީ އެއްގޮތަކަށްވެސް އަޑުއަހާލަން ފަސޭހަވި ވާހަކައެއް ނޫނެވެ. ސޯޝަލްމީޑިއާގައި މިވާހަކަތައް މެދުކެނޑުމެއްނެތި ބަޙުޘު ކުރެވެން ފެށީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރުގެ އިތުރުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްވެސް މިކަމާގުޅޭ ނިންމުމެއް ހާމަކުރައްވާފައިވަނިކޮށެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހުސްނުކުރެވުމުގެ ސަބަބުން އެބިން ކޮންޓްރެކްޓަރާއި ހަވާލުނުކުރެވި މަސައްކަތް ލަސްވަމުންދާކަމަށާއި ޢިމާރާތް ހުރި ބިން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހުސްކުރެވިއްޖެނަމަ އެމަސައްކަތް މިހާރުވެސް ރާވާފައިވާގޮތަށް ކުރިއަށްދާނެކަމަށެވެ. އަދި އެގޮތަށް އެބިން ހުސްނުކުރެވިއްޖެނަމަ، ބިން ހުސްކުރެވުނުހާ އަވަހަކަށް ވަކި މަޝްރޫޢެއްގެގޮތަށް އެމަގުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިމަގު ހެދުމަށް ހުރަހަކަށްވި ޢިމާރާތަކީ މިހާރުވެސް ހިނގަހިނގާއޮތް އައްޑޫ އީކުއޭޓަރ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ބައެކެވެ. އެރިސޯޓުން އެއަރޕޯޓްސް ކޮންޕެނީއާއެކު މަޝްވަރާ ކުރެވިފައިވާ ގޮތަށް ބަދަލު ޢިމާރާތް ހަމަޖެހިއްޖެނަމަ އެތަނަށް ބަދަލުވުމުގެ ކަންތައް ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ.
އޭއޯނިއުސްއަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ބަދަލުގައި ދޭން ނިންމި ޢިމާރާތްހުރީ ބްލޫލެގޫން ހުރި ސަރަޙައްދުގައެވެ.. އެތަނަކީ ފާޚާނާއާއި އެހެނިހެން ވަސީލަތްތައްވެސް ލިބެން ނެތް ، ބޮޑު މަރާމާތެއް ކުރަންޖެހޭ ތަނެކެވެ. 40 އަށްވުރެ ގިނަ މުވައްޒަފުން ދިރިއުޅެމުން އަންނަ އީކުއޭޓަރ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކަކީ 12 ކޮޓަރިއާއި ލޯންޑަރީއަކާއި ސްޓޯރެއްގެ އިތުރުން ސްޓާފް މެސްރޫމް ހިމެނޭ ޢިމާރާތެކެވެ.
އައްޑޫސިޓީ ގަމުގައި ހިންގަމުން އަންނަ އީކެއޭޓަރ ވިލެޖް ރިސޯޓަކީ ގަމުގައި އިނގިރޭސިން ތިބިއިރު ބޭނުންކުރި ޢިމާރާތްތަކުގެ އަސްލު ގެއްލުވާނުލައި އައްޑޫގެ އާސާރު ދެމެހެއްޓޭގޮތަށް ތަރައްޤީކޮށް ބޭނުންކުރަމުން އަންނަ ހަމައެކަނި ހޮޓަލެވެ. ޖެހިޖެހިގެން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ފަތުރުވެރިކަމުގެ ބައިނަލް އަޤުވާމީ ޝަރަފްވެރި އެތައް އެވޯޑެއް މިހާތަނަށްވެސް ހޯދަމުން އަންނަ މިހޮޓަލަށް ކުރިއަރާފައިވާ ޤައުމުތަކުގެ މަތީފަންތީގެ މީހުން ޒިޔާރަތް ކުރާ އެންމެ މައިގަނޑު މަގުސަދަކީވެސް ގަމުން ފެންނަ އާސާރުތަކަށް މީހުން ދޭޝައުގުވެރިކަމުގެ ބޮޑުކަމެވެ.
ގަން ތަރައްޤީ ކުރުމަށް ހިންގާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށްވެސް އައްޑޫގެ ތާރީޚާއި ގުޅުންހުރި އެތައް ބިނާއެއް ވަނީ ބިމާ ހަމަކޮށްފައެވެ. ޙިމާޔަތްކޮށްފައިވާ އެތައް ގަހެއް ކަނޑައި އެތަނުގައި އާލާވެފައިވާ ދޮންދީނީގެ ނަސްލު އެއްކޮށްހެން ގެއްލުވާލި މި މަޝްރޫޢާއެކު ރައްޔިތުން އަޑުއުފުލި މިފަދަ އެތައްކަމެއް، ގުޅިލާމެހިފައިވެއެވެ. ހަމައެއާއެކު ހިނގަހިނގާ ހުރި ތަރައްޤީގެ މަޝްރޫޢެއް މަޑުޖައްސާލުމަކީވެސް ކުރަންހެޔޮވާވަރުކަމެއްނޫނެވެ. އެހެންކަމުން މިއީ ވަޒަންދެކެ ލޯބިވާ އައްޑޫގެ ރައްޔަތު އެކަކުވެސް ދެކެންބޭނުންވާނެ ދުވަހެއްނޫނެވެ. މިހާރުވެސް އައިސީޔޫގައި އޮތް އައްޑޫގެ ފަތުރުވެރިކަމަށް ކުޑަނަމަވެސް ދިރުމެއް އައުން އޮތީ އެއަރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ޤަބޫލު ކުރާ ބީދައިން މިފަސްގަނޑަށް މޫލާފައިވާ ވިޔަފާރިއެއް އަރިއަޅާލާކަށްވެސް ހެޔޮއެދޭ އެކަކުވެސް ނޭދޭނެއެވެ.
އީކުއޭޓަރ ވިލެޖަކީ ގަން ތަރައްޤީ ކުރުމުގައި އެތަނުގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ އެންމެ ހިތްދަތި މަންޒަރުތައްވެސް އެންމެ ގާތުން ތަޖުރިބާ ކުރަމުން އަންނަ ހޮޓެލެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ހާމަކުރި ގޮތުގައި ބޮޑެތި އާގު ބޯޓުތަކުން ގެންނަ ހިލައާއި ހިލަވެލި ފަދަ ތަކެތި ހުސްކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާއިރު އެއިވޭ އަޑުތަކާހެދި އުނދަގޫވެ ސިއްޙީ މައްސަލަފަދަކަންކަން ދިމާވެގެން އެތައް ފަތުރުވެރިންނެއް އެކަމުގެ ޝަކުވާކޮށް ތަން ދޫކޮށް ގޮސްފައިވެއެވެ. އެހުރިހާ ދަތިތަކަކާއެކުވެސް އައްޑޫގެ ފަތުރުވެރިކަމަށް ހީނަރުކަމެއް އަތުވެދާނެ ކަމުގެ ބިރުއޮވެމެ، އައްޑޫގެ އެތައް ޢާއިލާއަކާއި ވިޔަފާރިއަކަށް އާމްދަނީ ވަންނަމުންދާ މި ރިސޯޓު ހުއްޓުމަކަށް ނުގެނެސް އީކުއޭޓަރ ވިލެޖުގެ މެނޭޖުމެންޓުން ގެންދަވަނީ ތަން ހިންގަމުންކަން ފާހަގަ ކުރެވެއެވެ.
އެއަރޕޯޓް މަގުގެ މައްސަލައާއި ގުޅޭގޮތުން އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ އެ އިމާރާތާއި ގުޅިގެން މަގުހެދުން ހުއްޓާލަން ނިންމުމަކީ ކުރެވިގެންވާނެ ކަމެއްނޫންކަމަށާއި މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އަވަސް މަސައްކަތް ތަކެއް ފެށުމަށް ގޮވާލާކަމަށެވެ. މި މައްސަލައިގެ އެއްކޮޅުގައި އޮތީ ދިވެހިސަރުކާރެވެ. މަސައްކަތުގެ ބަލަދުވެރި ފަރާތެވެ. އެއާ ޖެހިގެން ދެންއޮތީ މަސައްކަތް ޙަވާލުކޮށް ހިންގުމަށް މެދުވެރިއެއްގެ ބައި ކުޅެމުންއަންނަ އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑެވެ. އެއީ މިމަޝްރޫޢުގެ ދެލިކޮޕީގައި ސިއްކަޖެހި ފަރާތެވެ. ދެންއޮތީ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ ރެނާޓަސް ކުންފުންޏެވެ. އެއަރޕޯޓް ތަރައްޤީ ކުރުމަށް ހިންގާ ބިޔަ ބޮޑު މަޝްރޫޢުގެ ތެރެއިން މިފަދަ ކަމެއް ފެންމަތިވުމުގައި ޢަމަލުކުރަން އެއްބަސްވާ ޤަވާޢިދެއް އެބައޮތެވެ. ކަންމިހެން އޮތުމާއެކު މައްސަލަ ކިތައްމެ ސާފުނަމަވެސް މަސައްކަތް ހުއްޓުމަކަށް އައި ޙާލަތު އެހާ ސާފުހެނެއް އަދިވެސް ހިޔެއް ނުވެއެވެ. އައްޑޫ ގެ ތަރައްޤީއާއި ގުޅިލާމެހިފައިވާ އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ނުހުއްޓި ކުރިއަށްގެންގޮސް ނިންމާލުމަށް އައްޑޫގެ ރައްޔިތުން އެދިއެދި ތިބި ތިބުމަށް ބާރުލިބެނިވި ނިންމުމެއް ވަށްމޭޒުދޮށަށް ޖަމާވެގެން ނަމަވެސް އަވަހަށް ނިންމަވާށެވެ.