އައްޑޫ ސިޓީ ފޭދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މާޗް މަހުގެ 6 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަަނީ އައްޑޫގައި ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސިޓީހޮޓަލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ސިޓީ ހޮޓަލް ހަދަނީ އެސިޓީގެ ދިގިހެރަ ޓޫރިޒަމް ޒޯން (އެސް 4)ގައި ކަމަށެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 2 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދު ހިމެނެނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހެލި ރަށާ ދިމާލުގައެވެ.
3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ މި ބިން ކަނޑައެޅިފައިވަނީ ގެސްޓްހައުސްތަކާއި، ހޮޓާތަށް ތަރައްޤީކުރުމަށް ކަމަށްވެސް ކައުންސިލުގެ އިއުލާނުގައި ވެއެވެ.
ފޭދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 45 ރޫމްގެ ސިޓީ ހޮޓަލެކެވެ. މި ހޮޓާ ތަރައްޤީކުރުމަށް ހުޅުވާލާ ބިމުގެ ބޮޑު މިނަކީ، 16ހާސް އަކަފޫޓެވެ. މި ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުގެ މުއްދަތަށެވެ.