English Edition
Dhivehi Edition

އުތުރު ކޮރެއާއި އެކު މަޝްވަރާ ކުރަން އުޅުމަކީ ބޭކާރު ކަމެއް ކަމުގައި އެނާގެ އެންމެ އިސް އޮފިޝަލަށް އަންގާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޯނަލްްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ” އަހަރެން، އަހަރުމެންގެ ‘ބަރާބަރު’ ސެކެރެޓަރީ އޮފް ސްޓޭޓް، ރެކް ޓިލާސަން ކައިރީ ބުނެފިން ‘ރޮކެޓް މީހާ’ އާއި އެކު ވާހަކަ ދައްކަން ކުރާ މަސައްކަތަކީ ވަގުތު ބޭކާރު ކުރުން ކަމަށް’ އެވެ. ޑޯނަލްޑް ޓްރަމްޕް ‘ރޮކެޓް މިހާ’ ކަމަށް މާނަ މި ކުރަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަށެވެ.

އެމެރިކާގެ ރައީސްގެ މިފަދަ ޓްވީޓެއް އައިސްފައި މިވަނީ،އުތުރު ކޮރެއާއި ސީދާ ގުޅައިގެން މަޝްވަރާ ކުރަން ތައްޔާރުތޯ ބަލަމުން ދާކަމަށް ބުނެފައި ވަނިކޮށް، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޓްރަމްޕްގެ މިފަދަ ޓްވީޓެއް އައުމުން އެކަމާ ގުޅިގެން ސަރުކާރުގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެއީ މިވަގުތު އުތުރު ކޮރެއާއިން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައި އެގައުމާ ވާހަކަ ދެއްކުން ރަނގަޅު ކަމަށް ރައީސަށް ފެނިވަޑައިނުގަންނަވާތީ ވިދާޅުވި އެއްޗެއް ކަމަށެވެ

މިއީ އެމެރިކާ ސަރުކާރުން ޕްޔޮންގްޔެންގްއާއި ސީދާ ގުޅިފައިވާ ކަމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އުތުރު ކޮރެއާއި އެމެރިކާ ދެމެދު ސީދާ ވާހަކަ ދެކެވޭ ގޮތަށް އޮންނަ ކަމެއް އެނގިފައި ނެތެވެ.

ޑޯނަލްޑް ޓްރަޕްގެ ވާހަކަތަށް މިހާތަނަށް މިކަމާ ބެހޭ ގޮތުން އައިސްފައި ވަނީ އެކި ފަހަރު އެކި ގޮތަށެވެ. އެއީ އެއްފަހަރު މަޝްވަރާ ކުރަން ބުނާ އިރު އަނެއް ފަހަރު މަޝްވަރާ ކުރުމަށް ބޭނުން ނުވާ ކަމަށް ދޭހަވާ ގޮތަށް ސީދާ އަދި ނުސީދާ ގޮތުން ވެސް ވަނީ އުތުރު ކޮރެއާގެ ލީޑަރާ ދިމާލަށް ބަހުގެ ހަމަލާތައް ފޮނުވާފައެވެ.