English Edition
Dhivehi Edition
މީދޫ ރަސްމީ ފުޓްބޯޅަ ދަނޑު ފޮޓޯ: އީމާން

އައްޑޫ ސިޓީ މީދޫ ޓާރފް ދަނޑުގެ މަސައްކަތް ނުފެށި ލަސްވުމާއި ގުޅިގެން، މީދޫ ޒުވާނުން އިސްނަގައިގެން ސުލްހަވެރި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

މިއަދު 13:45 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެއްވުމުގައި ވިހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް މި އެއްވުން އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ. ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އައްޔޫބު ބުނީ 2021 ވަނަ އަހަރުގެ ބަޖެޓުގައި މީދޫ ޓާރފް ދަޑެއް އެޅުމަށް ހަމަޖެހިފައި އޮވެމެ، އެކަން ނުނިމި އަހަރު ނިމިގެން ދާތީ އެކަމުގައި ޒުވާނުންގެ ބޮޑެތ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި

މީގެ އިތުރުން އައްޔޫބު ބުނީ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް އާއިވެސް މި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެކަަމަށާއި މި މަސައްކަތް ލަސްވުމުގައިސަރުކާރުގެ އެއްވެސް އިހުމާލެއް ނެތްކަމަށް ރޮޒައިނާ ވިދާޅުވެފައިވާކަމަށެވެ. ” މި މަސައްކަތް ލަސްކުރަމުންދަނީ ކައުންސިލުންކަމަށް މެމްބަރު ވިދާޅުވަނީ، ކައުންސިލަރު ވިދާޅުވަނީ އިވެލުއޭޝަންގައޭ، ނުވަތަ ޕްރޮސެސިންގައޭ. މިހެން އެ ބޭފުޅުން ވިދާޅުވާތާ ވަރަށް ދުވަސްވެއްޖެ. އެހެންކަމުން މިއަދު މި ނުކުންނަނީ މިކަމަށް އެދޭވޭ ރަގަޅު ހައްލެއް ހޯދުމަށް” އައްޔޫބު ބުންޏެވެ. އިތުރަށް އައްޔޫބު ބުނީ ޓާރފް ނޭޅިގެން މީދޫ ޒުވާނުން ‘އާދޭސްކުރާތާ’ މިހާރު ތިން އަހަރުވެއްޖެކަމަށެވެ.

މީގެ އިތުރުން އައްޔޫބު ބުނީ ޒުވާނުންގެ ކަންތައްތަކަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެކަމަށާއި އެކަންތައްތަކާއި މެދު ފަރުވާ ކުޑަނުކުރާނެކަމަށް އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ޔޫތު މިނިސްޓަރުވެސް ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް މީދޫ ޒުވާނުންގެ ފަރާތުން މިހާތަނަށް އެދުނު އެއްވެސްކަމެއް އަދި ފުރިހަމަކޮށްދީފައިނުވާކަން އައްޔޫބު ފާހަގަކުރިއެވެ.

އައްޑޫ ސިޓީ މީދޫގައި ފުޓްސަލްދަނޑެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަމަށް އައްޑޫ ސިޓީ ކައުންސިލުން ފުރަތަމަ ކުރި އިއުލާން ބާތިލުކޮށްފައިވާ އިރު ދެވަނަ ފަހަރަށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ މި އަހަރު އޮގަސްޓަ މަސް ތެރޭގައެވެ.

މި މަސައްކަތްކުރިއަށް ގޮސްފައިވާ ހިސާބާއި ބެހޭ ގޮތުން މީދޫ ކައުންސިލަރ އާމިނަތު ސޯލިހާ ވިދާޅުވީ، ފުރަތަމަ ކުރި އިއުލާނާއެކު ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަގަޅު އަގެއް ހުށެހެޅި ފަރާތާއި މި މަސައްކަތް ހަވާލުކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ޔޫތު މިނިސްޓރީން އެ ފަހަރު ކުރި އިއުލާނަށް، މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުލިބުމުން ދެވަނަ ފަހަރަށްވެސް ކައުންސިލުން އެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް އިއުލާންކޮށްފައިވާކަމަށެވެ. އަދި ބިޑް ހުށެހެޅި ފަރާތްތައް އިވެލުއޭޓްކޮށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށްފަހު މިހާރު މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފޮނުވާފައިވާކަމަށް ސޯލިހާ ވިދާޅުވިއެވެ. އިތުރަށް ސޯލިހާ ވިދާޅުވީ މިނިސްޓްރީގެ ހުއްދަ ލިބުމާއެކު މި މަސައްކަތް ފެށިގެންދާނެކަމަށެވެ.