English Edition
Dhivehi Edition
އައްޑޫ މީދޫ، ދިރުހަމް އިބްރާހިމް ނިޒާމް

“މެމޮރީސްޓިކް” ނޫނީ “ފްލެޝްޑްރައިވް، އާންމު ނަމުން ނަމަ “ޕެންޑްރައިވް” ތަކަކީ ކޮމްޕިއުޓަރގައި ހުންނަ މައުލޫމާތު އެއް ޑިވައިސް އިން އަނެއްޑިވައިސް އަށް ބަދަލުކުރުމަށާއި ރައްކާކުރުމަށް ބޭނުންކުރެވޭ ކުދި ސްޓޯރޭޖް ޑިވައިސްތަކެކެވެ. ޕެންޑްރައިވް އަކީ ހާޑްޑްރައިވްއާ އެއްގޮތްނަމަވެސް، ބަދަލު ކުރެވޭ ބައިތަކާއި އޭގެ ޒާތުގައި އެއްވެސް ޕްރޮސެސިންގ ބާރެއް ހުންނަ އެއްޗެއް ނޫންކަމުން އޭގެ ބޭނުމަކީ މައިގަނޑު ގޮތެއްގައި ހަމަ އެކަނި ޑާޓާ ރައްކާކުރުމެވެ. މިއީ އަހަރެމެން ދަންނަ ޕެންޑްރައިވް މަސައްކަތް ކުރާގޮތެވެ! މިއީ އަހަރެމެން ދަންނަ ޕެންޑްރައިވް މަސައްކަތް ކުރާގޮތެވެ !

ހުނަރަކީ ކޮންމެ މީހަކަށްވެސް އެކި ގޮތްގޮތަށް ދެއްވާފައިވާ އެއްޗެކެވެ. އާންމު ދިރި އުޅުމުގައި އަހަރެމެން ކުރިއަށް ދަނީ އެމީހަކަށް ލިބިފައިވާ ހުނަރުގެ ބޭނުން ކޮށްގެންނެވެ. ދައްކަން މިއުޅެނީ ވެސް ތަފާތު ހުނަރުވެރި މަސައްކަތް ތެރި ޝަހުސެއްގެ ވާހަކައެވެ.

އައްޑޫ ސިޓީ، ސ. މީދޫއަށް އުފަން އިބްރާހިމް ނިޒާމް އަކީ ވަރަށްވެސް ތަފާތު މަސައްކަތް ކުރާ މީހެކެވެ. އެގޮތުން ކަރަންޓު މަސައްކަތް ކުރުމަށް ލޯބި ހުންނަ ނިޒާމަކީ އަމިއްލާ ހިޔާލަށް މެކޭނިކަލް އަދި އޮޓޮމެޓިކް އެއްޗިހި އުފެއްދުމަށް ވަރަށް ކުރީސުރެން ޝައުގުވެރިކަން ހުންނަ މީހެކެވެ. ދާދިފަހުން އަޅުގަނޑާ ނިޒާމް އާއި ދިމާވި އިރު އޭނަގެ ސައިކަލުން ފެނުނީ ތަފާތު މަންޒަރެކެވެ. ސައިކަލްގެ ތަޅުދަނޑީގެ ބަދަލުގައި ފެނުނީ ޕެންޑްރައިވް އެއް ހުއްޓައެވެ. ހައިރާން ކަމާއެކު އެއީ ކޮންއެއްޗެއްތޯ ދަނެގަންނަން އަޅުގަނޑު ނިޒާމާ ސުވާލު ކުރީމެވެ.

ނިޒާމް އަމިއްލަ ހިޔާލަށް އުފެއްދި “ޕެންޑްރައިވް ކީ”

1- “ޕެންޑްރައިވް ކީ” މަސައްކަތް ކުރަނީ ކިހިނެއްތޯ، އަދި ކިހިނެއް ހޯދި ހިޔާލަކަށް އުފެއްދި އެއްޗެއްތޯ؟

އަޅުގަނޑު ސައިކަލް ތަޅުދަނޑި ހަލާކުވީ، ދެން ހިތަށް އެރީ އާތަޅެއް ގަނެގެން އޭތި ލެއްވުމުން އެހެން މީހަކަށްވެސް ސައިކަލް ތަޅުއެޅުމަށް ފަހު ގެންދެވޭނޭ. ދެން އަމިއްލައަށް އެއްވެސް މީހަކަށް ބޭނުން ނުކުރެވޭނެ ފަދަ މޮޅު ތަޅުދަނޑިއެއް އުފައްދަން އެހިސާބުން ކުރި ހިޔާލަކަށް މި “ޕެންޑްރައިވް ކީ” އުފެއްދީ.

2- މި “ޕެންޑްރައިވް ކީ” އުފެއްދުމަށާއި އެ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ގާތްގަނޑަކަށް ކިތައްދުވަސް ހޭދަވިތޯ؟

ބޭނުންވާ ތަކެތި ހޯދުމަށާއި މަސައްކަތުގެ ކުރެހުން ނިންމުމަށް ގާތްގަޑަކަށް 17 ދުވަސް ނެގި.

3- މި ތަޅުދަނޑިން ކުރެވޭ ބޭނުންތައް ކިޔައި ދީފާނަންތޯ؟

މި ޕެންޑްރައިވް، ސައިކަލް ކީހޯލްއަށް ލެއްވުމަށްފަހު ސައިކަލް ސްޓާޓް ކުރުމަށްފަހު ދުއްވަންވީ، ދެން ސައިކަލް އޮން ކުރުމަށްފަހު ޕެންޑްރައިވް ނަގައި ޖީބަށްލައިގެންވެސް ދުއްވޭނެ. ސައިކަލް އިންޖިން ހުއްޓޭނީ ސައިކަލް މަޑު ކުރުމަށްފަހު ހަރު ޖައްސާލީމަ. ޕެންޑްރައިވް ނައްޓާލިޔަސް ސައިކަލް ނުނިއްވޭނެ. ސައިަކލް ދުއްވަނިކޮށް ޕެންޑްރައިވް ވެއްޓުން ވެސް ފަސޭހަކަމަކަށް ނުވާނެ. ޕެން ހުންނާނީ ވަރަށް ބާރަށް “ކީ” ހޯލްގައި ހަރުލާފައި. އެހެން ނަމަވެސް ދުއްވަނިކޮށް ޕެން ވެއްޓުނަސް ސައިކަލް ނުނިއްވޭނެ ހަމަ ހަރު ޖައްސާލީމަ ނިއްވޭނީ. “ޕެންޑްރައިވް ކީ” ދެން އަލުން ސްޓާޓް ކުރަންވީމަ ޕެންޖަހައިގެން ސްޓާރޓް ކުރަންވީ.

ސައިކަލް ކީ ހޯލްއަށް ޕެންޑްރައިވް ޖަހާފައި، އަދި ސައިކަލްގެ ބްލޫޓޫތް ސިގްނަލް ބޮކި

4- މި ތަފާތު އުފެއްދުމުގެ “ލައިފޓައިމް” އެއް އޮވޭތޯ؟ އަދި ހަލާކު ވެއްޖެ ހާލަތެއްގައި ހަމަ އެސައިކަލަކަށް އަލުން އޭގެ ތަޅުދަނޑިއެއް އުފެއްދޭނެ އިންތިޒާމް އޮވޭތޯ؟

“ޕްންޑްރައިވް ކީ” އުފެއްދި އިރު އަޅުގަނޑު ދުރަށް ވިސްނާފައި އެ އުފައްދާފައިވާނީ. ފެނުން ތެމުނަސް ހަލާކު ނުވާ ގޮތަށް ސްޓެއިންލެސް ސްޓީލް ކަވަރ އެއްލައްވާފައި ތައްޔާރު ކޮށްފައިވާނީ. އަދި ކޮންމެ ސައިކަލަކަށް އުފައްދާ ތަޅުދަނޑި ތައްޔާރު ކުރަން ބޭނުންކުރާ މައުލޫމާތު ވާނެ ފަހަށް ރައްކާ ކޮށްފައި.

5- މި އުފެއްދުން ނިންމައި ބޭނުން ކުރާ ހިސާބަށް ދިޔުމަށް ކިތައްދުވަސް ހޭދަވިތޯ؟

“ޕެންޑްރައިވް ކީ” އުފެއްދުމަށް މައުލޫމާތު އެއްކޮށް ފަރުމާކޮށް ނިންމައި ސައިކަލްގައި ހަރުކުރުމަށް ގާތް ގަނޑަކަށް 45 ދުވަސް ހޭދަވި. އެއީ ބޮޑަށް ދެން ވަޒީފާގައި އުޅެމުން މީހުން ހަވާލު ކުރާ އެހެން މަސައްކަތް ނިންމަމުން ގޭގެ ވެސް ބައެއް ކަންކަން ކުރަމުންދިޔައިމަ 45 ދުވަސްވިފަހުން ޕެން ސައިކަލްގައި ހަރުކޮށް ދުއްވޭވަރުވީ.

6. “ޕެންޑްރައިވް ކީ” އުފެއްދުމަށް ކުރެވުނުހަރަދުގެ އަންދާޒީ ހިސާބު ކިޔައިދީފާނަންތޯ؟

ހުރިހާ ކަމަކަށް ގާތް ގަނޑަކަށް 600ރ ވަރު ހޭދަކޮށްފައިވާނެ.

7- ޕެންޑްރައިވް ކީ ވިއްކާ އަގަކީ ކޮބައިތޯ؟

އަދި ސީދާ ވިއްކާނެ އަގެއް ކަނޑައަޅާފައި ނުވާނެ. އެއީ ބާޒާރުގައި އެކިފަހަރު އެކި އެއްޗިހީގެ އަގު ހުންނަނީ އެކި ވަރަށް އެހެންވީމަ އަދި އަގެއް ކަނޑަނާޅާން.

މި “ޕެންޑްރައިވް ކީ” އާދައިގެ ގޮތަކަށް ފެންނަން އޮތް އެއްޗަކަށް ވިޔަސް އޭގެން ކުރާ މަސައްކަތް ވަރަށް ވެސް ތަފާތެވެ. ނިޒާމް ބުނަނީ އެ “ޕެންޑްރައިވް ކީ” އަކީ ހަމަ އެކަނި ސައިކަލަށް ބޭނުން ކުރާ އެއްޗެއް ނޫންކަމަށެވެ. އެގޮތުން އެ “ކީ” ބޭނުންކޮށްގެން އެމީހެއްގެ ގޭގެ ދޮރު ލޮކް ކޮށް އަންލޮކް ކޮށްލެވޭނެ ގޮތްވެސް ހެދޭނެއެވެ. ބްލޫޓޫތް ގޮތަށް މަސައްކަތް ކުރާ އެޕެންޑްރައިވާ ގުޅިފައިވާ ކޮންޓްރޯލަރ ގޭގައި ހަރުކޮށްފައި ހުރުމުން ގޭގެ ދޮރު ރިމޯޓަކުން ހުޅުވޭ އުސޫލުން މީގެން ހުޅުވައި ލެއްޕޭނެއެވެ. އަދި މީހަކު އެގޮތަށް ޕެންޑްރައިވް އެއް އުފައްދައި ގެއަށް ވަގަށް ވަންނަން ނޫނީ ސައިކަލް ވަގަށް ނެގުމަށް މަސައްކަތް ކުރިޔަސް އޭގެން ނޫނީ ސައިކަލް އަދި ގޭގެ ދޮރު ނުހުޅުވޭނެއެވެ. ހިނިތުން ވުމަކާއެކު ނިޒާމް ބުނީ، މިހާސެކިއުރިޓީ ހައި ކޮށް ޕެން އުފައްދާފައިވާނީ އުކުޅުތަކެއް ބޭނުން ކޮށްގެންނެވެ.

ނިޒާމް އުފެއްދި ޕެންޑްރައިވް ކީން ސައިކަލް އޮން ކުރުމަށްފަހު ޔޫބޮކްސް ހުޅުވާ ބަޓަން ދައްކާލަނީ

އެނގިފައިވާގޮތުން ނިޒާމްއަކީ ވަރަށް ގިނަ އެއްޗިހި އަމިއްލައަށް ތައްޔާރުކޮށް އުފައްދައި އުޅޭމީހެކެވެ. ސިމެންތި މަސައްކަތް، ވެލްޑިން، ކަރަންޓު މަސައްކަތް މިހެންގޮސް އޭނާ ނުކުރާ މަސައްކަތެއް ނެތެވެ. އޭނާގެ ގެއަށް ބަލައި ލިޔަސް ފެންނަނީ ތަފާތު ކަމެވެ. ގެއަށް ވަނުމުގެ ކުރިންވެސް ފެންނަން ހުރީ އޭނާގެ މޮޅު މަސައްކަތެކެވެ. އެއީ ވަރަށް ފަހުން އުފެއްދި ކަރަންޓް ގޭޓެކެވެ. އިބްރާހިމް އުފެއްދި ގޭޓު ބޭނުންކުރެވޭ ދެ ގޮތެއް ހުރެއެވެ. އެއް ގޮތަކީ ގޭތެރޭގައި ހުންނަ ބޯޑަކުންނެވެ. އަނެއް ގޮތަކީ ރިމޯޓަކުންނެވެ. އެ ބޯޑުން ގޭޓުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވޭކަމަށް އޭނާ ބުންޏެވެ.

ނިޒާމް ޕެންޑްރައިވް ބޭނުންކޮށްގެން ދުއްވާ ސައިކަލް ދައްކާލަނީ

އަމިއްލައަށް މިފަދަ ތަކެތި އުފެއްދުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫނެވެ. ނިޒާމް ބުނިގޮތުގައި އޭނަ އަކީ އެއްވެސް ވަރަކަށް ކޮންސްޓްރަކްޝަން މަސައްކަތާ ބެހޭ އަދި މެކޭނިކް ނޫނީ އިލެކްޓްރޯނިކް މަސައްކަތް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އޭނާގެ ހުރިހާ މަސައްކަތަކީވެސް ޝައުގުވެރިކަން ހުރީމަ އަމިއްލަ އަށް ދަސްކޮށްފައިވާ މަސައްކަތެވެ.

އިބްރާހިމް ނިޒާމް ގުޅޭނެ ނަންބަރު: 7553324

އޭއޯ ނިއުސް އިން އެދެނީ ނިޒާމްގެ މަސައްކަތަށް ކާމިޔާބީއާއި ކުރި އެރުން ލިބުމެވެ. އާމީން!