ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ހައްޤުގައި ހޯނޑެއްދޫ ކައުންސިލް އިން ނޫސް ބަޔާނެއް ނެރެފިއެވެ. ކައުންސިލް ރައީސް އާއި ހަތަރު ކައުންސިލް މެމްބަރުންގެ ސޮޔާއިއެކު ނެރުނު މިނޫސް ބަޔާނުގައި ބަޔާން ކޮށްފައިވާ ގޮތުގައި ސިވިލް ސާރވިސްގެ އިދާރީ މުވައްޒަފުންނަކީ އޮފީސްތައް ހިންގުމުގެ ހަޤީޤީ މޭސްތިރިން ކަމުގައި ބަޔާންކޮށް އެމުވައްޒަފުންނަށް ދެވޭ އުޖޫރައަކީ މަސައްކަތާއި އެކަށީގެންވާ އުޖޫރައަކަށް ވާންޖެހޭ ކަމަށް ހޯނޑެއްދޫ ކައުންސިލުން ޤަބޫލުކުރައްވާ ކަަމަށްވެއެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެންމެހައި މަސައްކަތްތަކާއި، ކައުންސިލް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ދައުލަތުގެ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެމުންދަނީ ކައުންސިލް އިދާރާއިގެ މުއައްޒަފުންގެ ބުރަ މަސައްކަތުން ކަމުގައިވެއެވެ. އެހެންކަމުން ކައުންސިލްގެ އިދާރީ މުއައްޒަަފުން ހިމެނޭހެން ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ތެރެއިން ޙާއްސަކޮށް އެސް އެސް 1 އާއި އެމް އެސް އާއި ދެމެދުގެ ރޭންކްގެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ އުޖޫރައަކީ އެމުވަޒަފުންކުރާ މަސައްކަތާއި އެކަށީގެންނުވާ އުޖޫރައެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައިވަނީ އެއް ފަންތީގެ މުއައްޒަފުންގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށް ކަމާއި ގުޅުން ހުރި އެންމެހައި މުވައްސަސާތަކަށް ގޮވާލައްވާފައެވެ. އަލަށް ކަނޑއެޅޭ “މިނިމަމް ވޭޖް” ކަނޑައެޅުމުގައި އެންމެ ކުޑަ އުޖޫރަތަކެއް ލިބެމުންދާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހަމަޖެއްސުމާއިއެކު “މިނިމަމް ވޭޖް” އަކީ މުވައްޒަފުންގެ އަސާސީ މުސާރަކަމަށް ކަނޑައަޅައި ދިނުމަށްވެސް ވަނީ އެދިފައެވެ. އަދި ކައުންސިލްގެ އިދާރީ އޮނިގަނޑުގައިވާ މުވައްޒަފުންނަށް، އެހެން ދާއިރާތަކުގެ މުވައަޒަފުންނަށް މިހާރު ލިބެމުންދާ ސެޓްފިކެޓް އެލަވަންސާއި، ލިވިންގް އެލެވަންސް ފަދަ އެލަވަންސްތައް ހަމަޖައްސައި ދިނުމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.