ގދ. ހޯނޑެއްދޫއާއި ގދ.މަޑަވެލީގައި އަޅާ އައު އިންޖީނުގޭގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ދެ ރަށުގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ހައުސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދާއި ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވާރިސްއެވެ.
ހޯނޑެއްދޫ ކައުންސިލުން ބުނެފައިވަނީ އެ ދެ ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ މިމަސައްކަތުގެ ބޮޑުބައި ހަ މަސް ދުވަހުގެ ތެރޭގައި ނިމެނޭކަމަށެވެ. އަދި އިންޖީނުގެ އައު ކުރުމުގެ އިތުރުން ރަށުގެ ކަރަންޓް ނެޓްވޯކްތައް ވެސް މިމަޝްރޫޢުގެ ދަށުން އަޕްގްރޭޑް ކުރާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން މި މަޝްރޫޢާއެކު ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބި، ޒަމާނީ ނިޒާމެއްގެ ތެރެއިން ޔަޤީންކަމާއެކު ޚިދުމަތް ދެވޭނެކަމަށް ވެސް އެ ދެ ކައުންސިލުން ބުނެއެވެ.
ހޯނޑެއްދޫއާއި މަޑިވެލިން ކަރަންޓު ދިނުމަށްޓަކައި މިހާރު ބޭނުންކުރާ އިންޖީނުގެ ހުރިތަނަކީ އެހިސާބުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ތަނެއްކަން އެ ދެ ރަށުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އައު އިމާރާތުގެ ސަބަބުން މި ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނޭ ކަމަށް ވެސް ބުނެއެވެ.