ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ.
އޭވިއޭޝަން ސެކިއުރިޓީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރެވޭ ލިޔެކިޔުން ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، އެކަން ހައްލު ކުރުމަށްޓަކައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް މި ސާކިއުލާގައި ވަނީ ބުނެފައެވެ.
މި ގޮތުން ޕާސްޕޯޓާއި، އައިޑީކާޑާއި، ވާކް ވިސާ ކާޑާއި، ލައިސަންސް ކާޑާއި، އެއާޕޯޓް ސެކިއުރިޓީ ފާހާއި، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އާއި އައިޑީ ކާޑް ނަންބަރު ޖެހި ރަސްމީ ލިޔެކިޔުންތައް ބޭނުން ކުރެވޭނެކަމަށް އޭވިއޭޝަން ސެކިއުރިޓީން ވަނީ ބުނެފައެވެ.
އިތުރަށް އެ ސާކިއުލާގައި ބުނެފައިވަނީ އެފަދަ ލިޔެކިޔުމެއް އޮތް ނަމަ އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ކުރުމާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވޭނެކަމަށެވެ. އަދި އެއީ މައުލޫމާތު ސާފުކޮށް އެނގެން ހުރި ލިޔެކިޔުންތަކަށް ވުން ލާޒިމުކަމަށް ވަނީ ފާހަގަކޮށްފައެެ.