English Edition
Dhivehi Edition
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ

ސަރުކާރުން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ބޮޑު އަގުގައި ޑްރޯން ގަންނަނީ މަޖިލީސް އިންތިހާބު ކެމްޕޭނަށް ފައިސާ ހޯދަން ކަމަށާ އެއީ ޖަރީމާއެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް އިންތިހާބު ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގޮތެއް ގާއިމްވެފައި އޮތުމަކީ މަސްވެރިން ހިމެނޭހެން ދިވެހި ހުރިހާ ރައްޔިތުން ވެސް ބޭނުންވާ ކަމެއް ކަމަށެވެ،

ރާއްޖެއިން އެކަން ކުރަންވާނީ ރާއްޖޭގެ ފެންވަރުންކަން ފާހަގަކުރަމުން އަހްމަދު އީސާ ވިދާޅުވީ ވެރިކަމަށް ވަޑައިގެން ކުއްލިއަކަށް ތުރުކީއަށް ދަތުރުފުޅުކުރައްވައި ކޮންޓިންޖެންސީ ބަޖެޓުން 30 އަށްވުރެ ގިނަ މިލިއަން ޑޮލަރު އެ ކަމަށް ހަރަދުކުރީ ބަޖެޓުނުކޮށް ކަމަށެވެ. މިއީ މަޖިލީސް އިންތިހާބަށް ފައިސާ ހޯދުމަށް ކުރިކަމެއްގެ ގޮތުގައި ތުހުމަތުކުރަމުން އިސާ ވިދާޅުވީ މިއީ ނުއަގުގައި، އާންމުކޮށް ދުނިޔޭގެ ބާޒާރުން ވިއްކާވަރަށްވުރެ އަގުބޮޑުކޮށް ކޮށްފައިވާކަމެއްކަމަށެވެ.

މީގެ އިތުރުން އީސާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ޑްރޯން ގެނައުމަށް ދިރާސާކޮށް ޕައިލެޓް މަޝްރޫއެއް ހިންގަން ރާވައިފައި އޮތް ކަމަށެވެ. އަދި ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ ފޯރުކޮށްދޭން ވެސް ތައްޔާރަށް އޮތްކަމަށް އީސާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްކަން ހާމަކޮށްފައެއް ނުވެއެވެ.