ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މިއަދު ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ފުށޫއަރާ، އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަމުގައިވާއިރު، ސަރުކާރުގެ ބަޔާނުގައި ވަނީ އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބަންޑާރަނައިބުގެ އޮފީހާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް ހޯދައި، އެ ލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފައިވާއިރު ސަރުކާރުން ބުނީ އެ ކޮމިޓީގައި ތިއްބަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގެ ބަންޑާރަނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަހްމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަން ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަހްމަދު ޝިއާން ކަމަށެވެ.
އެ ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ އަނިލްގެ ބެއްލެވުމުގެ ދަށުން ކަން ފާހަގަކޮށް މި ބަޔަނާކުގައި ވަނީ އޭނާ ކޮމިޓީގައި މަސައްކަތް ކުރައްވަނީ އެއްވެސް އަގެއް ނުނަންގަވާކަމަށެވެ. އެ މައްސަލައިގައި މިދިޔަ ސަރުކާރުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުއްވުމަށް ބަންޑާރަނައިބު ނިންމަވާފައިވާ އިރު އެ މަސައްކަތް ނިމުމުން އެކަމާބެހޭ މައުލޫމާތު އާންމުކުރުމަށް ވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.