English Edition
Dhivehi Edition

ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާއާ ގުޅޭ ގޮތުން ކުރެއްވި ޓުވިޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމެނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށެހެޅުއްވި މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.