English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ރައީސް މުޢިއްޒުގެ އަހުލާގީ މައްސަލަތަކެއްގެ ތުހުމަތުކޮށް ‘އަދަދު’ ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރު ފެތުރި ކަމުގެ ތުހުމަތުގައި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ލީވާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވަނީ، އޭނާ ހާޒިރުކުރަނީ އޭނާ ލިޔުނު ހަބަރަކީ ކޯޓުން ނެރުނު ‘ގެގް އޯޑަރާ’ ހިލާފަށް ލިޔެފައިވާ ހަބަރެއްތޯ ބެލުމަށެވެ. މި މައްސަލަ ބެލުމަށްޓަކައި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން ތިން ގާޒީންގެ ބެންޗެއް މިހާރު ވަނީ އެކުލަވާލާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، ‘އައިޝާ’ ޑޮކިއުމަންޓަރީ ދައުރުކުރުމާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށްފައެވެ. މިއީ އެ ނޫހުގެ އިސް ދެ އެޑިޓަރުންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، ސިއްރުން ކުރިއަށްގެންދާ މައްސަލައެއް ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ‘އަދަދު’ ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މި މައްސަލާގައި ތުހުމަތުކުރެވޭ ތިން މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. ސަރުކާރުން ބުނަމުންދަނީ މި މައްސަލަ ބަލަމުންދަނީ ޕީޖީ އޮފީހުގެ އިރުޝާދުގެ ދަށުން ކަމަށެވެ.