English Edition
Dhivehi Edition
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ވޮއިސް

‘އަދަދު’ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން މުހައްމަދާއި ލީވާން އަލީ ނާސިރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ އިންސާފުވެރި ޝަރީއަތަކުން ކުރި ހުކުމެއްތޯ ސުވާލު އުފައްދައި، ޓްރާންސްޕޭރެންސީ މޯލްޑިވްސުން ސީރިއަސް ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

ލީވާން އާއި ޝަހުޒާން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އެ ޖަމިއްޔާއިން ބުނީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވުމަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަދުލުވެރި ޝަރީއަތެއް ހޯދުމުގެ ހައްގާއި ރައްކާތެރިކަން ލިބިދީފައިވޭތޯ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.

ޓްރާންސްޕޭރެންސީން ފާހަގަކުރި ގޮތުގައި، މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުމަށް އޮންނަ ބާރު ކެނޑިގެންދާނެއެވެ. މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށްވެސް އެ ޖަމިއްޔާއިން ސިފަކުރިއެވެ.

ކްރިމިނަލް ކޯޓުން ޝަހްޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ރައީސް މުއިއްޒާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ.

މި ދެ ނޫސްވެރިންގެ މައްސަލައަކީ ވެސް “އަދަދު” ނޫހުން ތައްޔާރުކުރި “އައިޝާ” ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ކުރާ ތުހުމަތުތަކާ ގުޅުންހުރި މައްސަލަތަކެކެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް “ގޭގް އޯޑަރެއް” ނެރެފައެވެ.