English Edition
Dhivehi Edition
ރާއްޖޭގެ މީޑިއާތައް ރައްޔިތުންގެ މަޖިލީހުގައި

ރައީސް މުއިއްޒުގެ އަހުލާގީ މައްސަލަތަކެއްގެ ތުހުމަތުކޮށް ‘އަދަދު’ ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއަކާ ގުޅިގެން އެ ނޫހުގެ އިސް އެޑިޓަރުންނަށް ދައުވާކުރުމަކީ ނޫސްވެރިން ބިރުގަންނުވައި، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށް ބުނެ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ސީޕީޖޭ އިން ވަނީ ‘އަދަދު’ ނޫހުގެ ޗީފް އެޑިޓަރު ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ގޮވާލާފައެވެ. އަދި މި މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު ‘ގެގް އޯޑަރަކީ’ މައުލޫމާތު ފެތުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ.

ސީޕީޖޭ އިން އިތުރަށް ބުނީ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އެ ތަނުން ބޭރުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“ނޫސްވެރިންނަށް އެއްވެސް ޖެހިލުމެއް ނެތި، އަދި ބިރުދެއްކުމެއް ނެތި، ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭނެ،” އެ ޖަމިއްޔާއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޕާސްޕޯޓް ހިފަހައްޓައި، ނޫސް ހިންގާ އޮފީސް ފުލުހުން ރެއިޑްކުރުމަކީ ނޫސްވެރިންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބިރުދެއްކުމަށް ހިންގާ ސިލްސިލާ އަމަލުތަކެއްގެ ގޮތުގައި ސީޕީޖޭ އިން ދެކެއެވެ. ސަރުކާރުން ބުނެފައިވަނީ މި ތަހުގީގަކީ ޕީޖީ އޮފީހުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށެވެ.