English Edition
Dhivehi Edition

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރ އަދި ޕީޕީއެމް މެމްބަރު ނަހުލާ އަލީ ސަސްޕެންޑްކޮށްފި އެވެ.

ޕީޕީއެމް އިން ބުނީ އެ ޕާޓީން 2024 ގެ ނިޔަލަށް ބާއްވާ އިންތިހާބުތަކުގައި ނަހުލާ އަށް ވާދަނުކުރެވޭ ގޮތަށާއި އަދި ޕީޕީއެމްގެ ޕޯޑިއަމްގައި ވާހަކަނުދެއްކޭ ގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ނަހުލާ ސަސްޕެންޑްކުރި ސީދާ ސަބަބު ޕީޕީއެމް އިން ހާމަކޮށްފައި ނުވާއިރު އެ ޕާޓީން ބުނީ ނަހުލާ ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިލާފުވެފައިކަމަށެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގޮނޑި ކާމިޔާބުކުރި ނަހުލާ ވަނީ ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ. ނަހުލާގެ އިތުރުން މި މަގާމަށް އިބްރާހިމް ޝުޖާއު އާއި ނަރީޝްވެސް ޝައުގުވެރިކަންވަނީ ފާޅުކޮށްފައެވެ.އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުމަށް ބޭއްވި ވޯޓުގައި 13 މެމްބަރުންގެ ތެރެއިން ފަސް ބޭފުޅެއްގެ ވޯޓުން އިންތިހާބުވީ ނަރީޝްއެވެ. ނަހުލާ އާއި ޝުޖާއު އަށް ލިބުނީ ހަތަރު ވޯޓެވެ.