English Edition
Dhivehi Edition
ހިތަދޫ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

އައްޑޫސިޓީ ހިތަދޫގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. ހިތަދޫ މައިލޯ ދަނޑު ކައިރީ ހިނގި މިޙާދިސާގެ ޚަބަރު އެމްއެންޑީއެފަށް ލިބުނީ މިއަދު މެންދުރު ފަހު 3.37 އެހާއިރުކަމަށް އެއިދާރާއިން މަޢުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ މައިލޯ ދަނޑު ކައިރީ ވަލުތެރޭގައި ހުރި ގަސްތަކެއްގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ގަސްތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދުގެ 15:57 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.