ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ، ހ. ދޮންތުނޑި، މުހައްމަދު އަހުސަމް (26އ) ލ. ގަން، މުކުރިމަގު މޫރިތި އަސްވާން މުހައްމަދު (28އ) އަދި މ. މަސްކޮތަންގެ، މުހައްމަދު ސިބްތު އަބްދުﷲ (19އ) އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު މާލޭގައި ހުންނަ ޗީބޯ ކެފޭގެ ގޯޅިތެރޭގައި ހިންގާފައިވާ މާރާމާރީ ގުޅިގެން ތިން ފިރިހެނަކު ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ އިރު، އެމީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ވަނީ ނެރެފައި ކަމަށެވެ. އެގޮތުން އެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ފިލައިގެން ގޮސް ތައިލެންޑްގައި އުޅެނިކޮށް އެ ގައުމުން އެމީހުން ޑީޕޯޓް ކޮށްލުމުން ރާއްޖެ އައުމުންނެވެ.
މި މައްސަލައާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު އެކަކު ހައްޔަރު ކޮށްފައިވާ އިރު އަނެއް ދެމީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އެއާޕޯޓުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަސްވާން މުހައްމަދު ވަނީ ބަންދުން ދޫކޮށްލާފައެވެ.އަދި ދެން ތިބި ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައެވެ. އަސްވާން ބަންދުން ދޫކޮށްލި ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާއާ މެދު ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ނެތް ކަމަށާއި އަދި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ، އަސްވާންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ބެލިއިރު، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ވާތީ އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައި ނުވާކަމަށާއި އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައިނުވާކަމަށެވެ.