English Edition
Dhivehi Edition

ތިނަދޫ ކައުންސިލާ ގުޅިގެން ކެއަރ ސޮސައިޓީއިން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ހާއްސަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބެހޭ ގޮތުންނެވެ. ކެެއަރ ސޮސައިޓީ އިން މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އޮސްޓްރޭލިޔަން އެލުމިނިއަމް އާއި ގުޅިގެންނެވެ.

މިސެޝަންގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖްތަމައުގައި ތަފާތު ކުރުން ނައްތާލައި ކުރިއަށް ގެންދެވޭނެ ގޮތާއި މެދު އަލިއަޅުވާލާފައި ވެއެވެ. ނުކުޅެދުންތެރިކަމަކީ ކޮބައި ކަން ދެނެގަނެ އެފަރާތްތައް ބާކީނުކޮށް މުޖުތަމައުގައި ބައިވެރިކުރާނެ ގޮތް ދެނެގަންނަން ޖެހޭކަމަށް އަލިއަޅުވާލާފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވެސް މުޖްތަމައުގައި ބާރުވެރި ކުރުވަން ޖެހޭ ބައެއްކަން ދަނެ، ހުނަރު ދަސްކޮށްދީ ހަދަން ޖެހޭ ބައެއްކަން ހެދުމަށް މުޖުތަމައު ހޭލުންތެރިވާން ޖެހޭކަން ފާހަގަ ކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުންނަ ގޮންޖެހުންތަކުގެ ތެރޭގައި މުޖްތަމައު ތެރޭގައި ހުރަސްތަކެއް ވާކަން ފާހަގަކޮށްފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަތިން ހަނދާންނެތި މަގުތަކުގެ ބައްޓަން ކުރެވިފައިވާ ކަމަކީ ނައްތާލަން ޖެހޭ ކަމެއް ކަމަށް އަލިއަޅުވާލާފައި ވެއެވެ. މުޖްތަމައުގެ ވިސްނުން ބަދަލުކޮށް ހަމަހަމަ އުސޫލުން މުޖްތަމައުގައި އުޅެވޭނެ މާހައުލެއް ޤާއިމުކުރެވެން ވާނެ ކަމަށް އަލިއަޅުވާލާފައިވެއެވެ.

ހަމައެހެންމެ ވާހަކަ ނުދެއްކޭ ފަރާތްތަކަށް ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ވެސް މުއާމަލާތް ކުރެވެން ވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަނެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ނުބަލައި އެބައެއްގެ ޤާބިލްކަން ދެނެގަނެ މުޖްތަމައުގައި ބައިވެރިކުރަން ހޭލުންތެރިވާން ޖެހޭ ކަމަށް އަލިއަޅުވާލާފައިވެއެވެ. އަދި ހަޤީޤީ ތަރައްޤީ އަކީ އެންމެނަށް ހަމަހަމަ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުން ކަން ފާހަގަކުރިއެވެ.

މި ސެޝަންގައި ތިނަދޫ ކައުންސިލްގެ އިތުރުން، ތިނަދޫ މުއައްސަސާ ތަކުންނާއި، ސްކޫލްތަކުން ބައިވެރިވެފައިވެއެވެ. އަދި ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވެސް ބައިވެރި ވެފައިވެއެވެ.