ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި (އެންޑި ކޮރަޕްޝަން ކޮމެޓީ) އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިގެން ގެންގޮސްފި ކަމަށް އެކައުންސިލުން ބުނެފިއެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ ރަސްމީ ސޯޝަލްމީޑިއާގައި މިއަދު ހިއްޞާކޮށްފައިވާ މެސެޖެއްގައި ކައުންސިލުން ބުނެފައިވަނީ މި މައްސަލަ މޯލްޑިވެސް ޕޮލިސް ސާރވިސްއަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާ ކަމަށެވެ.
ފޮޓޯ: ތިނަދޫ ކައުންސިލް މައުލޫމާތު ލިބޭގޮތުގައި އޭސީސީގެ މުވައްޒަފުންތަކެއް އިއްޔެ ތިނަދޫ ކައުންސިލަށް ވަދެފައިވަނީ ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ.
އޭސީސީން ކުރާ ތަހުގީގާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލްގެ ބަޖެޓާ ގުޅުން ހުރި ކަންކަމުގައި ވެސް އެންމެ އިސްކޮށް އުޅުއްވާފަރާތް ކަމަށްވާ ކައުންސިލުގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަޙްމަދު ނާޝިދާއި އިތުރު ތިން މުވައްޒަފަކު ގޭގައި މަޑުކުރުމަށް ވެސް އިއްޔެ ވަނީ އަންގާފައެވެ.
އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ސައުދު އަލީއަށް ކުރަމުންދާ ތުހުމަތުތަކަކީ އެހެން ކުންފުންޏެއްގެ ނަމުގައި ބިލްތައް ހަދައިގެން ތިނަދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ދެ މޮނިއުމަންޓު ހެދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތެވެ. އަދި އެ ކުންފުނީގެ ނަމުގައި ބިލް ހެދި ނަމަވެސް އެ މަސައްކަތުގެ ފައިސާ ސައުދު އަލީގެ އަމިއްލަ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލަ އޭސީސީން މިހާރު ދަނީ ބަލަމުންނެވެ.