ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަދީ، އެރަށް ސިޓީ އަކަށް މިރޭ ބަދަލުކުރާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެކަން ހާމަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެރަށަށް މިއަަދު ފައްޓަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން މިރޭ ބާއްވާ ޖަލްސާގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް ސާލިހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުތަގައި އެންމެފަހުން ވަޑައިގެންފައިވަނީ ލ. އަތޮޅުގެ ރަށްތަކަށްށެވެ. އޭގެ ކުރިން ރައީސް ސާލިހު ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރު ކުރައްވާފައިވާއިރު، ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކަށް ވެސް ވަނީ ދަތުރު ކުރައްވާފައެވެ.
އެހެންނަމަވެސް ހުވަދޫ އަތޮޅުގެ ރަށްތަކުން މިހާތަނަށް ރައީސް ސާލިހު ވަޑައިގެންފައި ނުވާ ހަމައެކަނި ރަށަކީ ގދ. ތިނަދޫއެވެ.
ތިނަދޫއަށް ރައީސް ސާލިހު ސިޓީއެއްގެ ދަރަޖަށް ދިނުމަށް ހަމަޖެހިފައިވޭތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާ ގޮތް ގާނޫނުގައި އެބައޮތް ކަމަށެވެ. އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަތަ ދޭކަމަށްވާނަމަ އެ ދަރަޖަ ލިބިގެންދާނީ ގާނޫނުގައިވާ ހަމަތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވެފައިވާއިރު، ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ދެން އެމަނިކުފާނު ތިނަދޫއަށް ވަޑައިގަންނަވާނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ކަމަށެވެ.
އެމަނިކުފާނު މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ތިނަދޫގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ އަށް ފަހު ލަސްތަކެއް ނުވެ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ރަށަކަށް ސިޓީއެއް ކަމުގައި ކަނޑައަޅާ ކަންކަމުގެ ތެރޭގައި ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށްވުރެ ދަށްނުވުމާއި ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން ހިމެނެއެވެ. އަދި ޓަރޝަރީ ހޮސްޕިޓަލެއް ހުރުމާއި ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ޙާޞިލުކުރެވޭނެ މަރުކަޒެއް ޤާއިމުވެފައިވުން ވެސް ހިމެނެއެވެ.
މީގެ އުތުރުން ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުމާއި އެކު ސިޓީގައި ކޮމާޝަލް ހާބަރއެއްގެ ޚިދުމަތް ލިބެންހުރުމާއި ބޭންކެއްގެ ޚިދުމަތް ލިބެން ހުރުން ވެސް ހިމެނއެވެ.
މިކަންކަން ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދެވިދާނެއެވެ.