English Edition
Dhivehi Edition

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ޙާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާޙިމް ތޯހާ އެވެ. ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އާތިފް އެވެ.

މި އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދެވިފައެވެ. އަދި މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

އިންޓާންޝިޕްގެ އިތުރުން ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސަރކޮށް ދިނުމަށް އެމްއޭސީއެލްއިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެއަރ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ ވިދާޅުވީ މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލް ގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމަޢުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްޤީއާއި، މުޖުތަމައުގައި އެ ކުންފުނީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޮރުކޮށްދިނުމަށްކަމަށް ވެސް ތޯޙާ ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ޚާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއޭސީއެލްއާއި އެކު މި ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެކަމަށް ގަބޫލުފުޅުކުރައްވާ އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފައިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.