English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު، މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް މި މަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ. ރަށަކަށް ނިސްބަތްވާ ކުއްޖެއްކަން ފުލުހުން ހާމަކޮށްފައި ނުވަނީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަކަމަށް ބުނެފައިވާއިރު މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވާއިރު މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން 16 އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފުލުހެކެވެ. އަދި އެ ފުލުސް މީހާ ޖިންސީ ގޯނާކޮށްފައިވަނީ، އޭނަގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަ ކަމުގެ މައުލޫމަތު ލިބިފައިވާއިރު އެ ރަށުގެ މީހުން ވަނީ އޭނާ ވަގުތުން ވަގުތައް ހައްޔަރުކުރުމަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން މިއަދު ހަވީރު އިހްތިޖާޖުކުރުމަށްވެސް ތައްޔާރުވަމުން އަންނައިރު މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވުމަށް، މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ވަނީ ގޮވާލާފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ‘އޭއޯ ނިއުސް’ އިން ފުލުހުންގެ މީޑިއާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލު ލިބޭ ގޮތްވަނީ ނުވެފައެވެ.