ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުދިންގެ ފޮޓޯ އަދި ވީޑިއޯތައް މީޑިއާގައި ދައުރު ނުކުރުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެވުޒާރާއިން މިފަދައިން ބުނެފައިވަނީ ރޭ، މާލޭގެ އިމާރާތެއްގެ ފަސްވަނަ ފްލޯއިން ކުޑަކުއްޖަކު ކިރިޔާ ނުވެއްޓި ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.
އެ ވީޑިއޯއިން ފެންނަނީ ވަރަށް ބޮޑަށް ހުޅުވިފައިވާ ކުޑަދޮރެއްގެ ފާރުބުރި މަތީ ކަކޫ ޖަހައިގެން ކުޑަކުއްޖަކު އޮންނަ ތަނެވެ. އަދި މަޑުމަޑުން އޭނަގެ ވާތު ފައި މަގަށްވާ ގޮތަށް ބޭރަށް ނެރޭތަން ވެސް ވީޑިއޯ އިން ވެސް ފެނެއެވެ.
އެ ވަގުތު މަގުމަތީ ތިބި މީހުން ހަޅޭއްލަވާ އަޑު ވެސް އިވެއެވެ. އަދި އެ ކުއްޖާ ގާތު އެތެރެއަށް ވަންނަން ގޮވައި އަޑު ވެސް އިވެއެވެ.
އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުކުރާ މިފަދަ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާއްމުންގެ ތެރެއިން ބަޔަކަށް އެ ނގިގެންދާކަމަށެވެ. އޭގެ ސަބަބުން އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމަށާ އެއީ ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ބުނާގޮތަށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެއެވެ. ކުށުގެ ތުޙުމަތުގައިވާ ކުދިންނާ، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުންދިންގެ ނަމާއި އެޑްރެހާއި ތަޢުލީމު ހާސިލްކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ އެއްވެސް މަޢޫލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކުއްޖެއްގެ ތަސްވީރު، ވީޑިއޯ ނުވަތަ ސިދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް މީޑިއާގައި ނުވަތަ އެނޫންވެސް އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުމަކީ މަނާކަމެކެވެ.