English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށާއި ސިޔާސީ މައިދާނުގައި އަންހެނުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށްއޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ފައިސަލަ ނަސީމް ވިދާޅުވީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުސަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަމަށެވެ.

ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާއި އަގުލަބިއްޔަތަށް މުހިންމުކަން ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

މީގެ އިތުރުން އ.ދ.ގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ގައުމެއްކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައެވެ.