English Edition
Dhivehi Edition

އެންމެންގެ އެއްބާރުލަމާއިއެކު މުޖުތަމަޢުގައި ފަޤީރުކަން ނައްތާލުމާއި، އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޯޑް ޓު ގިވް” ދުވުމުގެ ހަރަކާތް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ނިންމާލެއްވުމަށްފަހު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވަޒީފާގެ ފުރުޞަތުތައް ފަހި ކުރުމުގައްޔާއި، ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް އެންމެން އެކަތިގަޑަކަށްވެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އެންމެ މީހަކަށް އެހީތެރިކަން ފޯރުކޮށްދީގެން ވެސް އަހަރުމެންނަށް އާއިލާއަކަށް އެހީވެވިދާނެކަމަށާއި މިއަދު މުޅި ދުނިޔެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި އެބަހުރިކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މިއީ ގިނަ ބައެއްގެ މަސައްކަތުން ވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ރިއޮޓް އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކުވެސް އިންތިޒާމްކޮށްގެން “ރޯޑް ޓު ގިވް”ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަޤީރުންނަށާއި، ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް ބާރުއެޅުމާއި، އެހީތެރިވުމުގެ ޗެރިޓީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން ދުވުމުގެ ހަރަކާތެއް ބާއްވައެވެ.

ރާއްޖޭގައި ބޭއްވި “ރޯޑް ޓު ގިވް” ހަރަކާތް ނިންމަވާލެއްވުމަށްފަހު، ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ ރާއްޖޭގައި ހިންގޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތުގެ ދަށުން، ރަށްތަކުގެ ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދެވިގެން ދާނެކަމަށެވެ. އެގޮތުން ކޮންޕިއުޓަރާއި، ފޮތާއި، ޕްރޮޖެކްޓަރު ފަދަ ސްކޫލްތަކަށް ބޭނުންވާ އެކިއެކި ވަޞީލަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ ދަށުން މިހާރުވެސް 7 ރިސޯޓެއް ރާއްޖޭގައި ހިންގައެވެ.