ގއ ވިލިނގިލި އިންޓަރ އޮފީސް ބަށި މުބާރާތުގައި މިއަދު ކުޅުނު މެޗްގައި ވެސް ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިލިނގިލި ކައުންސިލް ޓީމްގެ ޝަފީ ނާޒްއެވެ.
ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގެ ހަތަރުވަނަ މެޗް މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މެޗްގައި ބައްދަލްކުރީ ގއ ވިލިނގިލި ކައުންސިލާއި ފެނަކަ ވިލިނގިލިއެވެ. 15 ލަނޑު 4 ލަނޑުން ވިލިނގިލި ކައުންސިލް ކާމިޔާބު ކޮށްފައިވާއިރު ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެޓީމުގެެ ޝަފީ ނާޒްއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ގއ ވިލިނގިލި ކައުންސިލާއި ގއ އަތޮޅު ހޮސްޕިޓަލް ވާދަކޮށް ކުޅުނު މެޗްގައި ވެސް ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކައުންސިލް ޓީމުގެ ޝަފީ ނާޒްއެވެ.
މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބާހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.
އެގޮތުން މާދަމާ ކުޅެން ހަމަޖެހިފައިވަނީ ގއ އަތޮޅު ހޮސްޕިޓަލާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒް އަދި އަންހެނުންގެ ކޮމިޓީ އާއި އެސްޓީއޯ އެވެ.
މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.