ރައްޔިތުންގެ މަޖިލީހުގެ މުހަދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ދާދި ފަހުން ވަކިވެވަޑައިގެންނެވި ދެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް ވަނީ އެއީ އަމިއްލަ އެދުމައިގެން ފޯވެފައިވާ ދެ ބޭފުޅުންކަމަށް ވިދާޅުވެފައެވެ. “ދެ ބޭފުޅުން ޖޭޕީއޭ ކިއާފައި އަނގަ ހުޅުވަން ލަދުގަންނަން ޖެހޭނެ. މަޖިލިހުގެ މެންބަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ ކޮންމެ ބޭފުޅަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން. އޭރު ކެމްޕެއިނަށް އަޅުގަނޑުގެ އުޅަނދުތަކުގައި ދަތުރުކޮށްފައިވޭ. އަޅަގަނޑަކީ ބަޔަކު ދައްކާ ވާހަކަ އަކުން ‘ޗޭ’ ވާނެ މީހެއް ނޫން. އެވަރު އެކަކުވެސް ނެތް. އަޅުގަނޑު މާބޮޑަށް ވިސްނާ ކަމެއް ނޫން” ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އެ ދެ ބޭފުޅުން ވެސް މަޖިލީހަށް ހޮވިވަޑައިގަތީ ގާސިމް ގިނަ ޚަރަދުތަކެއް ކުރައްވައިގެން ކަމަށް ވާއިރު ގާސިމް އަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ބުނުމަކީ ލަދުހަޔާތް ކުޑަކަމެއްކަމަށެވެ،
އިތުރަށް ގާސިމް ވިދާޅުވީ ރިޔާޒް އާއި ނާޒިމް ޖޭޕީގައި ތިއްބެވީ ނިދީގަ އާއި މަސްތުގެ ހާލަތުގައިކަމަށެވެ. އަދި ޖޭޕީގައި ތިބި މީހުންނަށް ތަކުރާރުކޮށް ގުޅާ އެ މީހުން ގެންދަން މަސައްކަތް ކުރަނީ ޖެޕީ ހަލާކުކޮށްލުމުގެ ނިޔަތުގައި ނޫންތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލުކުރައްވާފައެވެ.