English Edition
Dhivehi Edition

ވޭމަންޑޫ ސްކޫލު 3 ބުރި ޢިމާރާތުގެ މަސައްކަތުގެ ވާނުވާ މިނިސްޓަރަށް އެނގިނުލައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ވޭމަންޑޫ ސްކޫލުގެ 3 ބުރި ޢިމާރާތުގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަސައްކަތް އަލުން ފެށޭނެ ދުވަހަކާ ނިމޭނެ ތާރީޚަކާމެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ވޭމަންޑޫ ސްކޫލުގެ 3 ބުރި ޢިމާރާތް، 18 އޯގަސްޓް 2021 ވަނަ ދުވަހު، ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް 8 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ޢިމާރާތުގެ މަސައްކަތް މުޅިން ނިންމާލުމަށް އޭރު ހަމަޖެހިފައި އޮތީ 3 ސެޕްޓެމްބަރ 2022 ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރިއަށް ނުދާތީ އެތައް ފަހަރަކު އެންގުމަށްފަހު އިޞްލާޙު ނުކުރުމުން، 17 ޖަނަވަރީ 2023 ގައި ކޮންޓްރެކްޓް އުވާލާފައިވާ ކަމަށެވެ. އަދި މަސައްކަތުގެ ސްކޯޕަށް ބަދަލުތަކެއް އައިސްފައިވާތީ، އެ ބަދަލުތަކާއެކު އަލުން އިޢުލާން ކުރުމަށް ޓެންޑަރ ބޯޑަށް ފޮނުވިފައިވާ ކަމަށެވެ.

އެހެންކަމުން، ޓެންޑަރ ބޯޑުން އިޢުލާންކޮށް އެކަން ނިންމިހާ އަވަހަކަށް، އެހެން ބަޔަކާ އެ މަސައްކަތް ޙަވާލުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މެންބަރު ޢަބްދުﷲ ރިޔާޟް އިތުރަށް ސުވާލުކުރައްވައި ވިދާޅުވީ ޓެންޑަރ ބޯޑަކީ ވެސް، އަދި ފިނޭންސް މިނިސްޓްރީއަކީ ވެސް ސަރުކާރުގެ ތަންތަން ކަމަށްވާތީ، މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތޯ ވިދާޅުވެދެއްވުމަށެވެ. އެހެންނަމަވެސް މިނިސްޓަރ ވިދާޅުވީ މަސައްކަތް ފެށޭނެ ތާރީޚެއް ޔަޤީންކޮށް ދަންނަވަން ނޭނގޭ ކަމުގައެވެ.

ވޭމަންޑޫ ސްކޫލުގެ 3 ބުރި ޢިމާރާތުގެ އިތުރުން، އެ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ.

މެންބަރު ޢަބްދުﷲ ރިޔާޟް މިކަން ފާހަގަކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތް ހުއްޓިފައިވާތީ، އެއްބަސްވުން ބާޠިލުކޮށް މިހާރު އެ މަސައްކަތް އެހެން ފަރާތަކާ ޙަވާލުކުރެވިފައިވާ ކަމުގައެވެ.