ތ. ވޭމަންޑޫ-ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫޢު ނުފެށި ހުއްޓިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް މިއަދު މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީއަކުންނެވެ.
މައްސަލަ ހުށަހަޅުއްވައި ޢަބްދުﷲ ރިޔާޟް މަޖްލީހުގެ އިދާރާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މަޝްރޫޢަކީ މި ސަރުކާރުގެ ވަޢުދެއް ނަމަވެސް، މި ވެރިކަމުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވީ އިރުވެސް، މި މަޝްރޫޢު ފެށިފައި ނުވާ ކަމަށާއި، ނަމަވެސް މި މަޝްރޫޢަކީ 2019 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުގައި ހިމެނި ބަޖެޓުކުރެވިފައިވާ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢަށް ބަލާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި، އެ މަޝްރޫޢަށް އީ.އައި.އޭ. ހެދުމަށް ބަޔަކާ ޙަވާލުކުރެވިފައިވެއެވެ. އެހެން ނަމަވެސް، މަޝްރޫޢު ނުފެށި ލަސްވެގެން ގޮސް، 2023 ވަނަ އަހަރުގެ ޖޫން މަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ފަހުން ހާމަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވައި، އޭގެ އިތުރުން މަޖިލީހުގައި މިއަހަރުގެ އޭޕްރީލް މަހު ޕްލޭނިންގ މިނިސްޓަރ މި މަޝްރޫޢާމެދު ދެއްވި އުންމީދާ ޔަޤީންކަމުގެ ވާހަކަވެސް ބަޔާންކުރެއްވިއެވެ.
މިނިސްޓަރ މަޖިލީހުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ސެކަންޑް ކުއާޓާ ނިމުމުގެ ކުރިން އެ މަސައްކަތް ޓެންޑަރަށް ހުޅުވައިލުމަށް ޓާގެޓް ކޮށްގެން މިއަހަރު ފެށުނީއްސުރެން މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރު ޢަމަލީ މަސައްކަތް ފެށުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޢަބްދުﷲ ރިޔާޟް ވިދާޅުވީ، ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލާ ކޯޒްވޭ އަކީ މި ދެރަށުގެ ތަރައްޤީއާ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމީ، މި ދެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމާ، ޝަކުވާ އިންތިހާއަށް އޮތް ކަމެކެވެ. ވުމާއެކު، މި މަޝްރޫޢާމެދު ސަރުކާރުގެ ބަހާ ޢަމަލާ ދިމާނުވެ،
މަޝްރޫޢު ހުއްޓިފައިވާތީ، މި މައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅުއްވީކަމުގައެވެ.