English Edition
Dhivehi Edition

ގއ ވިލިނގިލި އިންޓަރ އޮފީސް ބަށި މުބާރާތުގައި އަތޮޅު ކައުންސިލާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގެ ދެވަނަ އަދި ތިންވަނަ މެޗް މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދެވަނަ މެޗްގައި ބައްދަލްކުރީ ގއ އަތޮޅު ކައުންސިލާއި އަންހެނުން ކޮމިޓީއެވެ. 13 ލަނޑު 2 ލަނޑުން އަތޮޅު ކައުންސިލް ޓީމް ކާމިޔާބު ކޮށްފައިވާއިރު ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެޓީމުގެ އަޒީމާ ހަސަންއެވެ.

މި އަދު ކުޅުނު 3 ވަނަ މެޗްގައި ގއ އަތޮޅު ތަޢުލީމީ މަރުކަޒާއި ފެނަކަ ވިލިނގިލި ބައްދަލްކޮށްފައިވާއިރު 10 ލަނޑު 6 ލަނޑުން ގއ އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ މި މެޗް ކާމިޔާބުކޮށްފައެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފާތިމަތު ޝިއުނާއެވެ.

އިއްޔެ ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިލިނގިލި ކައުންސިލް ޓީމުގެ ޝަފީ ނާޒް އެވެ.

މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބާހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

އެގޮތުން މާދަމާ ކުޅެން ހަމަޖެހިފައިވަނީ ވިލިނގިލި ކައުންސިލާއި ފެނަކަ ވިލިނގިލި އަދި ގއ އަަތޮޅު ކައުންސިލާއި އެސްޓީއޯއެވެ.

މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.