English Edition
Dhivehi Edition
ރޯޒްމީޑް އަޙުމަދު ޢަލިދީދީގެ ހަނދާނުގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތް ފޮޓޯ: ޕީއެސްއެމް

ފުވައްމުލައް ސިޓީގެ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމު ކޮށްގެން މާހުގެ، އަބްދުލްމަންނާނުގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތް 1443 ނިންމާލައިފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހަށް ޒިކުރާ ކޮލެޖްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮއްޕާއި ނުބަލާ ކިޔުމުގެ ގޮފީގައި ޖުމްލަ 177 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަށް އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރު ފުރާގައި ދަރިވަރުން ވަނީ ކިޔަވާފައެވެ،

މި މުބާރާތައި ބެހޭ ގޮތުން ޒިކުރާ ކޮލެޖުން ބުނީ މުބާރާތުގެ މައިގަނޑު މަގްސަދަކީ ފުވައްމުލައް ސިޓީގެ ކުދިންގެ ހިތުގައި ދީނީ ލޯބި އާލާކުރުމާއި ދީނީ ކަންކަން ކުރިއެރުވުމުގެ އިތުރުން ކުދިންގެ ހިތުގައި ޤުރުޢާނަށް ލޯބި ޖެއްސުންކަމަށެވެ. އަދި ޤުރުއާން ކުރިއަރުވައި އާލާކުރުމުގެ އިތުރުން މި ފަދަ މުބާރާތްތައް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ކުދިން ބިނާކުރުންވެސް ހިމެނޭކަމަށެވެ.

ފުވައްމުލައް ސިޓީއަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ޒިކުރާ އާކުރުމުގެ ގޮތުން މީގެ ކުރިންވެސް އެ ކޮލެޖުން އިންތިޒާމުކޮށްގެން ޤުރުޢާން މުބާރާތްތައް ބާއްވާފައިވާއިރު މިއީ އެ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ 7 ވަނަ ޤުރުއާން މުބާރާތެވެ. މި މުބާރާތްތައް ކުރިއަށް ގެންދިއުމުގައި އާއިލާ މީހުންގެ އިޒުނަ އާއި އެކު ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މުބާރާތްތައްކަން ފާހަގަކޮށް އެ ކޮލެޖުން ބުނީ މިފަހަރުގެ މުބާރާތަށްވެސް އަގުހުރި އިނާމްތައް ހުށަހެޅިފައިވާކަމަށެވެ.

މި މުބާރާތުގެ އިތުރުން 2 މުބާރާތެއް ބޭއްވުމުގެ އިންތިޒާމުތައް މިހާރުވެސް ކުރަމުން އަންނައިރު ކުރިއަށް އޮތް މުބާރަތަކީ ދޫނި ގަމު އަލްހާފިޒް އަލްމަރްހޫމް އެދުރުގެ އަހްމަދު ބޭބެގެ ހަނދާނުގައި ބާއްވާ މުބާރާތެއްކަމަށް އެ ކޮލެޖުންވަނީ ބުނެފައެވެ، އެ މުބާރާތި ބަލައިގެން ކިޔަވާ ކުދިންނަށް އެކަނި ފުރުސަތު ހުޅުވާލާފައިވާއިރު ފުވައްމުލައް ސިޓީ ރޯޒްމީޑް އަޙުމަދު ޢަލިދީދީގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތްވެސް އިންތިޒާމުކުރަމުންދާކަމަށް ޒިކުރާ ކޮލެޖުންވަނީ ހާމަކޮށްފައެވެ.

 

1 ކޮމެންޓް
Aslu
ސެޕްޓެމްބަރު 7, 2021
Zikura mee evvana.. Masha Allah