2025 އިން ފެށިގެން ދިރާސީ އާ އަހަރު ގެ ކިޔެވުން ޖެނުއަރީގައި ފަށަން އެޑިއުކެޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓަރ މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މިނިސްޓަރ ވަނީ މިކަމުގެ މަޝްވަރާތައް ކުރައްވާ ޕްރިންސިޕަލުންގެ ޚިޔާލު ހޯއްދަވާފައެވެ.
މިކަމާގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ދިރާސީ އާ އަހަރުގެ ފެށުން ޖެނުއަރީއަށް ބަދަލު ކުރުމަކީ ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވުމާއެކު އެކަމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.
އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފެށުމަށް ނިމިދިޔަ ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންގޮސް 2025 އިން ފެށިގެން ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ފަށާ ގޮތަށް ކަންކަން ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ވިދާޅުވެފައެވެ.
ދިރާސީ އާއަހަރު ގެ ފެށުމަށް ބަދަލުގެނައީ ކޮވިޑް 19 ގެ ދުވަސްވަރު ނިމި ދިޔަ ސަރުކާރުން، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށްބުނެ ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައިގެންނެވެ. އޭގެ ކުރިން ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ.