English Edition
Dhivehi Edition

އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިން ނޭދޭކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި “އައްޑަނަ” ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރާއި، އިންޑިއާގެ މަނަވަރުތަކާއި، އިންޑިއާގެ ސިފައިން މިފަސްގަނޑުގައި ތިބުމަށް ދިވެހި ރައްޔިތުން ނޭދޭކަމަށެވެ. އަދި އެއީ އިންޑިއާ ވެގެން ނޫންކަމަށާއި، އެއީ ކޮންމެ ޤައުމެއްގެ ސިފައިންނަށް ވީނަމަވެސް އެމީހުން ތިބުމަކަށް ދިވެހިން ނޭދޭކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ

ރާއްޖޭއިން މިހާރު ފެންނަމުންދަނީ ދިވެހިން ދުވަހަކުވެސް އިންޑިއާގެ ފަރާތުން އެދުނު މަންޒަރެއް ނޫންކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ވަޒަންވެރިވެގެން އުޅުމާއި، އިންޑިއާގެ އަސްކަރީ ސިފައިން ހަތިޔާރާއިއެކު ރަށްރަށުގައި އުޅުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ އަވަށްޓެރި އިންޑިއާއަކީ ދިވެހިންގެ އެކުވެރި ޤައުމެއް ކަމަށެވެ. އަދިއެ އެޤައުމަކީ ރާއްޖެ އަޅުވެތިކޮށް، ދިވެހިންނަކީ އަޅުވެތި ޤައުމަކަށް ވެގެން ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން އަބްދުއްރަހީމް ވަނީ އިންޑިއާ އާއި ގުޅިގެން 2018 ވަނަ އަހަރުގެ އިންތިހާބު އޮޅުވާލިކަމަށް ވިދާޅުވެފައެވެ. މިއީ މިފަދަ ވާހަކައެއް އިދިކޮޅު ކޯލިޝަނުން މިހާފާޅުކަން ބޮޑު ގޮތެއްގައި ދެއްކި ފުރަތަމަ ފަހަރެވެ.