English Edition
Dhivehi Edition

​އަހްމަދު ނިޒާމް/ އަބުހަރީ ވާދީ، ސ.މީދޫ އަކީ މީގެ އަހަރުތަކެއް ކުރިން ވަރަށް އުފާވެެރިކޮށް ވަރަށް އުންމީދުގައި މަސައްކަތް ކޮށް ދިރިއުޅެމުން އައި ފިރިހެނެކެވެ. ޒަވާޖީ ހަޔާތެއް ފަށައި އަލަތު ދަރިފުޅާ ލޯބިވާ އަނބި މީހާ އާއި އެކު އުފާވެރި ދިރި އުޅުމެއް އުޅެމުން އައީ ދިރިއުޅުމުގެ ބާކީ ދުވަސްތަކަށް ވެސް ފޮނި އުންމީދު ތަކެއް ކުރަމުންނެވެ.

އެހެން ނަމަވެސް މި އުފާވެރި ހަޔާތަށް ކަޅު ބޯ ވިލާތަކެއް އައިސް ބަނަކޮށްލީ ހީވެސް ނުކުރާ ކަހަލަ ވޭނާއި ރިހުމުގެ ދުވަސްތަކަކާ އެކުއެވެ.

ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށް ސިއްހަތަށް ބަދަލްތަކެއް އަންނަ ކަން މަޑުމަޑުން ފާހަނގަވެ ކާއެއްޗިހި ނުކެވި އުނދަގޫތަކެއް ވާކަން 2025 ޖެނުއަރީ މަސްތެރޭގައި ނިޒާމަށް ފާހަނގަ ކުރެވެން ފެށިއެވެ. އަރުތެރެއަށް ދާ ކާއެތިކޮޅުދިރުވާލަން އުނދަގޫވެ ބަރުދަން ލުއިވާންފެށުމާ އެކު ނިޒާމް މާލެ ގޮސް ޑޮކްޓަަަރަށް ދައްކާ ހެދި ޓެސްޓުތަކުން އެނގުނީ ކާއެއްޗިހި ދާ ހޮޅީގައި ގިނަ އަދަަކަށް ލިމްޕްނޯޑް ތަކެއް އުފެދި ހޮޅި ބްލޮކްވެފައިވާ ކަމެވެ.

ޑޮކްޓަރުން ލަފާދިނީ ވީހާވެސް އަވަހަށް ސާރޖަރީ ކުރުމަށާއި ބަޔޮޕްސީ ހެދުމަށެވެ. 2025 މޭއި މަހު އިންޑިއާ އަށް ގޮސް ރާޖަގިރި ހޮސްޕިޓަލުން ހުރިހާޓެސްޓް ތައް ހެދުުމަށް ފަހު ޑޮކްޓަރ ލަފާކުރީ ނިޒާމަށް “އީސޯފޭގަސް ކާސިނޯމާ” ކެންސާގެ ފުރަތަމަ މަރުހަލާގައި ވާކަމަށެވެ.

2025 މޭއި މަހުގައި ނިޒާމްގެ ސާޖަރީ އަށްފަހު ކާއެއްޗިހި ދާ ހޮޅީގައި ހުރި ލިމްޕްނޯޑްސް ނަގާފައި ބަޔޮޕްސީ އަށްފަހު ޑޮކްޓަރ ކުރިންވެސް ލަފާކުރިގޮތަށް ނިޒާމް އަށް “ އީސޯފޭގަސް ކާސިނޯމާ” ގެ ފުރަތަމަ ސްޓޭޖްގައި ހުރިކަން ދަނެގަނެވުނެވެ.

ސާޖަރީ ކާމިޔާބް ކަމާއެކު ނިމި މެޑިކަލް ވިސާގައި ނިޒާމް އިންޑިއާގައި މަޑުކޮށް ކީމޯތެރަފީގެ 4 ރައުންޑް ފުރިހަމަ ކޮށްފައި ވެއެވެ. އެއަށް ފަހު ނިޒާމް މި ވަރުގަދަ ބައްޔާކުރިމަތި ލުމަށްފަހު ލިބުނު ފަރުވާ އަށް ފަހު މާތް اللهގެ ވާގިފުޅާއެކު އާއުންމީދު ތަކާއެކު ވަޒީފާ އަށް ދާންފެށިއެވެ. ހަށިގަނޑަށާއި ކެއުމަށް ބަލައިގެން ވަޒީފާ އަދާކުރަމުން މާލޭގެ އައި.ޖީ.އެމް ހޮސްޕިޓަލުގައި އިތުރު ކީމޯގެ 2 ރައުންޑު ފުރިހަމަ ކޮށްފައި ރިކަވަރީ އަށްފަހު ދެން ތައްޔާރު ވަމުން އައީ ހަމަސް ފަހުން ދާންޖެހޭ ޗެކަޕަށް އިންޑިޔާ އަށް ދިޔުމަށެވެ.

މެޑިކަލް ޗެކަޕަށް 6 މަސްފަހުން އަލުންދާން ތައްޔާރުވަމުން ފޮނި އުންމީދާ އެކު ހުއްޓާ ނިޒާމް އަށް އަނެއްކާވެސް ކަރުތެރެއިން އެއްޗެއް ދިރުވާލުމަށް އުނދަގޫ ތަކެއް ވާންފެށިއެވެ.
ނިޒާމްގެ މިހާރުގެ ބަލިހާލަތު “އޭއޯ ނިއުސް” އާ ހިއްސާކުރަމުން ބުނީ މިހާރު އަނެއްކާ އެއްޗިހި ދިރުވާލާއިރު ވަރަށް ބޮޑަށް އުނދަގޫ ތަކެއްވެ ރަނގަޅަށް ނުކެވި ވަރަށް ބޮޑަށް ބަރުދަން ލުއިވެފައިވާކަމަށެވެ. އިންޑިޔާގައި މިހާރުވެސް ފަރުވާ ހޯދަމުން އަންނަ ނިޒާމް ބުނީ މިހާރު ހެދި ޓެސްޓް ތަކުން ކުރިން ކެންސަރ ހުރި ހޮޅީގައި އަނެއްކާ ބްލޮކްއެއް ހުރިކަން ފާހަނގަވެ ސާޖަރީ އަށް ފަހު ނޭފަތަށް ހޮޅިގުޅައި ކޭންބުއިމުގެ ކަންތައް ކުރަމުން އަންނަނީ ހޮޅިން ކަމަށެވެ. ނިޒާމްބުނީ އިންޑިއާ އަށް އައުމަށް ފަހު 10 ޖެނުއަރީގައި ހެދި އެންޑޮސްކޯޕީއާއި ޕެޓް ސްކޭނުން ދައްކާ ގޮތުގައި ހޮޅީގައި ކެންސަރު އުފެދުނު ސަރަހައްދުގައި އިތުރު ބްލޮކަކާ އެކު އިންފެކްޝަނެއް އުފެދި އޭނާގެ ފުއްޕާމޭގައި ފެންވެސް އުފެދިފައިވާކަމަށެވެ.

ގާތް މީހުންގެ އެހީއާއި އާސަންދައިން ކުރިން ފަރުވާހޯދައި މިހާރުވެސް އާސަންދައިގެ އެހީގައި ރާޖަގިރި ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ނިޒާމް ބުނީ ކެންސަރަށް ފަރުވާކުރުމަށް އާސަންދައިން އެހީ ލިބުނު ކަމުގައި ވިޔަސް ކެއުމާއި، ހުރުމުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް އިތުރު ހަރަދުކުރަން ޖެހެއެވެ. އެހެންނަމަވެސް ނިޒާމްގެ މާލީ ހާލަތު މި ވަގުތު މިކަމަށް ތަނެއް ނުދެއެވެެ. އެ އާއިލާއަށް މި ވަނީ ދިވެހިންގެ ދީލަތި އެހީތެރިކަން ބޭނުންވެފައެވެ. އަދިވެސް އިންޑިއާގައި މަޑުކުރަންޖެހޭ ސީދާ މުއްދަތެއް ނޭގޭއިރު،ނިޒާމް އެދެނީ ދީލަތީ އެހީ އަށާއި އެހީނުދެވޭ ފަރާތްތަކުން ނިޒާމްއަށް ހެޔޮ ދުއާކޮށް ދިނުމަށެވެ.

ނިޒާމްއަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7865759 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.
ނޯޓް: މިނަމްބަރ އަށް ވައިބާ އަދި ވަޓްސްއަޕް ކުރެވޭނެ.

އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:

އަހްމަދު ނިޒާމްގެ ބީއެމްއެލް އެކައުންޓް 7716499738001 އެކައުންޓް ނަން (އަހްމަދު ނިޒާމް) އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ. އަދި ޑޮލަރ އެކައުންޓް 7730000282732އެކައުންޓް ނަން (އަހްމަދު ނިޒާމް) އަށް ާޑޮލަރު ޓްރާންސްފާ ކުރެވޭނެއެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!