English Edition
Dhivehi Edition

ބިގް ބޮސް 13 އިން ގިނަ ބައެއްްގެ ލޯބި ހޯދާ އެ ޝޯ ކާމިޔާބުކުރި ސިދާތު ޝުކުލާ މަރުވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ސިދާތު ގެ ކުއްލި ވަކިވުމާއެކު އޭނާގެ ސަޕޯޓަރުންނަށް ބޮޑު ހައިރާންކަމަކާއި ހިތާމައެއް ލިބިފައިވާއިރު އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ކޫޕާ ހޮސްޕިޓަލުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މިއަދު ހެނދުނު 11 ޖަހާކަށްހާއިރު އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށެވެ. މީގެ އިތުރުން އޮފިޝަލް ބުނީ ސިދާތް މރުވި ސީދާ ސަބަބު ބުނަން އެގޭނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ.

2005 ވަނަ އަހަރު ބޭއްވި “މިސްޓަ މޮޑެލް އޮފް ދަ ވޯލްޑް” ގައި ބައިވެރިވެ ދުނިޔޭގެ އެތައް ފިރިހެނުންނާ ވާދަ ކޮށް އެންމެ ރީތި ފިރިހެނާގެ މަގާމުވެސް ހާސިލްކޮށްފައިވާ ސިދާތު ވަނީ ޓީވީ ޑްރާމާތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައެވެ. ‘ ބަލިކާ ވަދޫ’ އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސިދާތު ‘ފިއާ ފެކްޓާ ރިއާލިޓީ ޝޯ’ ގައި ބައިވެރިވެ އެ ޝޯވެސް ކާމިޔާބުކޮށްފައިވާއިރު ‘ހަމްޓީ ޝަރްމާކީ ދުލްހަނިޔާ’ ގައި އޭނާ ވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ސަވްދާން އިންޑިއާ އާއި އިންޑިއާ ގޯޓް ޗެލެންޖް ހުށަހަޅައިދިން ސިދާތު ލޯބީގެ ގޮތުން ޝެހެނާޒް ގިލް އާއި ގުޅިގެން އުޅޭކަމުގެ އަޑުތައްވެސް ފެތުރިފައިވާއިރު ދެމީހުން ވަނީ އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިދިޔަ އަހަރު ޖޫން މަހު މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ރާޖުޕޫތަށް ފަހު، ސިދާތު ގެ ވަކިވުމާއެކު ބޮލީވުޑަށާއި ގިނަ ތަރިންނަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ. އަދި ސިދާތު ގެ އާއިލާއަށް ގިނަ ތަރިން ތައުޒިޔާ ކިޔަމުން އަންނައިރު އޭނާއަށް ސަޕޯޓްކުރާ މީހުންވެސް އަންނަނީ އާއިލާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާކަން ހާމަކުރަމުންނެވެ.