އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ މެމްބަރު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އެ ޕާޓީގެ ތެރޭގައި އޮންނަ ގޮތުގެ މަތިން ކުރިޔަށް ވަޑައިގަތުމަށް މަހުލޫފަށް އަންގާފައިވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފުއަށް ވާދަނުކުރެވޭނެކަމަށް ނިންމާފައިވާއިރު އޭނާ ވަނީ ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ވެސް ޝަކުވާ ހުށަހަޅާފައެވެ. އެހެންނަމަވެސް މި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބުމުން މަހްލޫފުވަނީ މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވާފައެވެ.
މި މައްސަލަ އާއި ގުޅިގެން އިލެކްޝަން ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އިލެކްޝަން ކޮމިޝަނަށް ވަކި ގޮތެއް ނިންމޭކަށް ނެތްކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިގެން މި މައްސަލައިގައި މުޅިން ރަނގަޅެކޭ ވެސް މުޅިން ނުރަނގަޅެކޭ ވެސް ބުނުމުގެ އިހްތިސޯސެއް ނެތް ކަމަށް ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުވާދު ވިދާޅުވީ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އެ ޕާޓީގެ ތެރޭގައި އޮންނަ ގޮތުގެ މަތިން ކުރިޔަށް ވަޑައިގަތުމަށް އޭނާއަށް އަންގާފައިވާއިރު މިކަމާއި ގުޅިގެން އެމްޑީޕީއާއި ވެސް މަޝްވަރާކޮށްފައިވާކަމަށެވެ.