English Edition
Dhivehi Edition

ސިޔާސީ ޕާޓީތަކަށް ހަމައެކަނި އީ-ފާސް މެދުވެރިކޮށް މީހުން ވެއްދޭ ގޮތަށް ގަވާއިދަށް ބަދަލުގެނެސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން މިއަދު އާންމުކުރި ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް އިން އިލެކްޝަންސް ކޮމިޝަންގެ މައިޕޯޓަލް އަށް ވަދެ ފޯމު ފުރައިގެންނެވެ.

އެ އިސްލާހުގައިވާ ގޮތުން، އަލަށް އުފައްދާ ޕާޓީތަކަށް ބޭނުންވާ 3،000 މެންބަރުންނާއި މިހާރު ހިނގަމުންދާ ޕާޓީތަކަށް އިތުރުކުރާ މެންބަރުން ވެއްދޭނީ އީފާސް މެދުވެރިކޮށް ޕޯޓަލުން އެކަންޏެވެ.

ގަވާއިދުގައިވާ ގޮތުން ބޭނުންވާ ޕާޓީއެއްގެ ފޯމު ބަލައިގަތުމުން އެކަން އެ ޕާޓީއަކަށް އަންގާނެ އެވެ. އާ ގަވާއިދުގެ ދަށުން ޕާޓީއަކަށް މީހަކު ވެއްދުމަށްފަހު، އެ މީހާގެ މައްސަލައެއް އޮތްތޯ ބެލުމަށް އިއުލާނެއް ކުރަން ޖެހޭނެ އެވެ. އަދި ޕާޓީތަކުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށް ބަލަހައްޓަން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނެސްފައިވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.