ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔައިވައިދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ލިޔެކިޔުންތައް ހުރުމުން އެ ބައިތައް ބަދަލުކުރަމުންދާ ކަމަށާއި ރާއްޖެއިން ބޭރުން އިސްލާމް ޓީޗަރުން ގެނެސްގެން ކިޔަވައިދިނުމަށް ކޮންމެ ވެސް ވަރަކަށް ވިސްނަމުންދާކަމަށް ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވިދާޅުވެފައިވާއިރު މިނިސްޓްރީން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ،
މި ގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިސްލާމް މާއްދާ ކިޔަވައިދިނުމުގެ މުގައްރަރު ތައްޔާރުކުރެވިފައި ވަނީ ދިވެހި ބަހުން ކަމަށެވެ.
އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭގޮތުން ފެތުރެމުން އަންނަ ވާހަކަތަކާ ގުޅިގެން މިނިސްޓްރީން ބުނީ އިސްލާމް ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތްކަަމަށާއި އަދި އެ މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމުގެ ވިސްނުމެއްވެސް މިނިސްޓްރީގައި ނެތްކަމަށެވެ.
އިސްލާމް ކިޔަަވައިދިނުމަށް ރާއްޖޭގައި ފެންވަރު ރަނގަޅު އެކަމަށް އެންމެ ގާބިލު މުދައްރިސުން ވެސް ތަމްރީނުވެފައިވާކަން މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ،