English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދޭ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި، އެ ސްކޫލުގައި މަސައްކަތްކުރާ 52 އަހަރުގެ ދެ ބިދޭސީ ޓީޗަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، މި ދެ މައްސަލައަކީ ވެސް މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ދެ މައްސަލަ ކަމަށެވެ. އެގޮތުން ފުރަތަމަ މައްސަލައަކީ 16 އަހަރުގެ އަންހެން ކުއްޖަކަށް ސްކޫލު ޓީޗަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވިގެން މި މަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދެވަނަ މައްސަލައަކީ 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިންނަށް ޓީޗަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވިގެން މި މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ވެސް 52 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ވަނީ ޖަހައިދީފައެވެ.

ފުލުހުން ބުނީ، އެއް ސްކޫލެއްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި ދެ މައްސަލަ ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.