English Edition
Dhivehi Edition
ޓީޗަރުންގެ ކޮންފަރެންސްގައި ނައިބު ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރު

ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައްޔާއި މާދަމާގެ ޖީލުތައް ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓީޗަރުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޝަހީދު އަލީ ސްކޫލުގައި ފެށި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ތައުލީމީ ދާއިރާއަށް އާ ފުރުސަތުތަކެއް ލިބެމުންދިޔަ ނަމަވެސް، ގާބިލު އަދި މަސައްކަތަށް ޝައުގުވެރިކަން ހުންނަ ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަށް އަދައެއް ނުކުރެވޭނެއެވެ. ޓެކްނޮލޮޖީއަކީ ހަމައެކަނި ވަސީލަތެއް ކަމަށާއި، ދަރިވަރުންގެ ފުރިހަމަ ހުނަރު ކުރިއެރުވުމަށް އެހީތެރިވެދެނީ ޓީޗަރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ ތައުލީމީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކޮންމެ ކުއްޖަކީ ވެސް ތަފާތު ގޮތަކަށް އުނގެނޭ ކުއްޖެއްކަން ގަބޫލުކޮށް، ކިޔަވައިދިނުން އެ ބަދަލުތަކާ ގުޅުވައިގެން ކުރިއަށްގެންދަންޖެހޭ ކަމަށާއި، ކާމިޔާބީއަށް އޮތް ހަމައެކަނި މަގަކީ އެކަޑަމިކް ތައުލީމު ކަމަށް ދެކޭ ދެކުން ބަދަލުކޮށް ފަންނީ އަދި މަސައްކަތްތެރިކަމުގެ ހުނަރުތަކަށް އިސްކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް ޓީޗަރުންގެ އަގު ވަޒަންކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ޓީޗަރުންގެ ބައިވެރިވުމާއި ޝައުގުވެރިކަމާ ނުލައި އެއްވެސް ތައުލީމީ ސިޔާސަތެއް ނުވަތަ މަންހަޖެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.