ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމުގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާކަމަށާއި ސަރުކާރުން އެންގިހާ ވެސް އެއްޗަކީ ބެންޗުގައި އިންނަވަންކަމަށް ގާޒީ އަލީ އާދަމް ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކްވެފައިވާއިރު ސޯޝަލް މީޑިއާގައިވެސް މި އޯޑިއޯތައް ދަނީ ދައުރުވަމުންނެވެ.
މި ގޮތުން ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ އަލީ އާދަމްގެ ލީކުވެފައިވާ އޯޑިއޯގައި އެހެން މީހަކާ ދެމެދު ދެކެވިފައިވާ ވާހާކަތަކުގައި މުޅި ސަރުކާރު ގޯސްވެފައިވާކަމަށް އޭނާ ވިދާޅުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި އޮތް އެއްޗެއް އެނގިވަޑައިގެންފައި ނުވާ ކަން ފާހަގަކޮށް ސަރުކާރުން އެންގިހާ ވެސް އެއްޗަކީ ބެންޗުގައި އިންނަވަން ކަމަށްވެސް އެ އޯޑިއޯގައި އަލީ އާދަމް ވިދާޅުވެއެވެ. އަދި އެ މައްސަލަ އާއި ގުޅޭ ގޮތުން ރައީސް އޮފީހގެ ބޭފުޅަކުވެސް ބައްދަލުކުރެއްވި ކަމަށާއި އެ ބޭފުޅާ، އޭނާގެ ގާތުގައި އަލީ އާދަމް އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތްކަމަށާއި އަލީ ރަޝީދު ކުރިއަށް ގެންދާނެކަމަށްވެސް ވިދާޅުވެފައިވާކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އެ މައްސަލައިގެ ހުކުމްކޮށް ނިމުމުން އޭނާއަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށާއި އެހެންނަމަވެސް އެކަން އެ ގޮތަށް ކޮށްފައިނުވާކަމަށް އަލީ އާދަމްވަނީ ވިދާޅުވިއެވެ.