English Edition
Dhivehi Edition
ޔާމިން ރަޝީދު
މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލް، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި ދެ މީހުން ބަންދުކުރަން އަމުރުކޮށްފައި މިވަނީ، އެ މީހުންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާލުމާ ގުޅިގެންނެވެ.

ހައިކޯޓުން މި މައްސަލަ އަލުން ބެލުމަށް އެންގިއިރު، އެ ދެ މީހުން ބަންދުގައި ބައިތިއްބަން އަމުރެއް ނެރެދީފައެއް ނުވެއެވެ. ނަމަވެސް، މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް އައުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ. ޕީޖީ އޮފީހުން ބުނީ ކޯޓުން ނިންމީ ތަހުވީލުކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރުމަށް ކަމަށެވެ.

ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރެއިންނެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރިން ނިންމާފައި އޮތީ ހައިޝަމް އާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފު ޝަރީއަތަށްފަހު އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ވަނީ ކަނޑައަޅާފައެވެ.