މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަހުމަދުދީދީ މަރާލި މައްސަލާގައި ދައުވާލިބުނު އިބްރާހިމް ފައިހް ނިޒާމާއި ސިރުހާން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ގާޒީ އިބްރާހިމް އިހްސާން ކުރެއްވި މި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގެ ބޮޅުތައް އެކުއެކީގައި ގުޅުވާލެވިފައި ނުވާތީ، އެ ދެ މީހުންނަކީ ކުށްވެރިން ކަމަށް ކަނޑައެޅޭނެ ގާނޫނީ މިންގަނޑަށް ހެކި ލިބިފައި ނެތް ކަމަށެވެ.
ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން ހަމަލާދިން މީހުންނަކީ ދައުވާލިބޭ ދެ މީހުންކަން ކަށަވަރުކޮށް ނުދެވޭއިރު، ހެއްކެއްގެ ގޮތުގައި ހުށަހެޅި އެއް ފުޓޭޖްގެ ޓައިމް ސްޓޭމްޕްގައި އޮތީ 2000 ވަނަ އަހަރުގެ ތާރީހެކެވެ. މީގެ އިތުރުން، ފިހާރަ ތެރެއިން ފެނުނު ޑީއެންއޭ އާއި ފިންގަރޕްރިންޓަކީ އެ ހާދިސާ ހިނގި ވަގުތު އެތަނަށް ނަގުލުވި އެއްޗެއްކަން ކަށަވަރުނުވާ ކަމަށާއި، އެތަނުން ކާކުކަން ނޭނގޭ އިތުރު ބައެއްގެ ނިޝާންތައް ފެނިފައިވާތީ އެކަމުގައި ތިންވަނަ ފަރާތެއްގެ ބައިވެރިވުން އޮތުމުގެ ފުރުސަތު އޮތްކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅީ ހަމައެކަނި ގަރީނާތަކެއް ކަމަށާއި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދެވިފައި ނުވާތީ، ޝައްކުގެ ފައިދާ ލިބިގެން ފައިހް އާއި ސިރުހާން ވަނީ މިނިވަންވެފައެވެ. ދައުވާލިބޭ މީހުން އެ ވަގުތު އެތަނުގައި ނެތްކަމުގެ ދިފާއުގައި ހުށަހެޅި ހެކިބަހަށް ބާރު ލިބޭކަން ވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.