English Edition
Dhivehi Edition

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީސް ހޮވަނީ ރަައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ކަމެއް ކުރަންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ދައްކަމުންދާ ވާހަކަތައް މަޖިީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ.

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބާ ގުޅިގެންވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު މިރޭ ބާއްވާ އެ އިންތިހާބުގައި ވަކި މެންބަރުންތަކެއް ހޮއްވެވުމަށް ނަޝީދު ވެސް އަދި ބިގޭ ވެސް މަސައްކަތްކުރައްވަމުންދާކަމުގެ އަޑުތައް ވަނި ފެތުރިފައެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލިސް ހޮވަނީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ކަމެއް ކުރަން ކަމަށްބުނެ ބިގޭ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާގޮތުން އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.” އެފަދަ ފިތުނަވެރި ވާހަކަތަކަކީ މި ގުރޫޕުގައި އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ ޖެއްސުމަށް ދައްކާ ވާހަކަ. މި ވާހަކަތައް ގަބޫލު ނުކުރުމަށް އެދެން،” ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިހާބުކުރާނެ ވަކި މެންބަރުންގެ ލިސްޓެއް ބިގޭ ގެންގުޅުއްވާކަމުގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބިގޭ ގެންގުޅުއްވާ ލިސްޓުގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.