English Edition
Dhivehi Edition

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގުމަށް އައްޑޫ ސިޓީގެ ކައުންސިލުން ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދިއްޖެއެވެ.

ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒުގެ އިސްނެންގެވުމާއެކު މި މައްސަލަ އަލުން ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހަޅާފައިވަނީ ކައުންސިލުގެ ހަ މެމްބަރުންގެ ސޮޔާއި އެކުގައެވެ.

މި ގޮތުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ޝިނާޒުގެ އިތުރުން ސޮއިކޮށްފައިވަނީ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު އާއި، ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް އާއި މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އާއި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ އިތުރުން ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއް ރަހްމާން އެވެ.

ބިން ނެގުމަށް ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް މި ޖަލްސާ ބޭއްވުމަށް ހުށަހަޅާފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ހިތަދޫ ސްޓޭޑިއަމްގެ ދެކުނަށް އޮންނަ ބިމަށްބަދަލުކޮށް އެ ސަރަހައްދުން 40 ގޯތި ބަދަލުކުރަން ނިންމާފައިވާ އިރު، ބާކީ ހުރި ގޯތި ލިބިފައިވާ ކަމަށް ބެލެވޭ މީހުންގެ ގޯއްޗާ ގުޅޭ ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރުމުން، އެ ގޯތިތަކާ މެދު ފަހުން ގޮތެއް ނިންމާ، އަންގާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ މީހުންގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، އެ މީހުންނާ އެކު އެކަމާ މެދު މަޝްވަރާކުރުމަށް ނިންމާފައިވާކަމަށްވެސް ކައުންސިލުންވަނީ ބުނެފައެވެ.

ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު މި މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައެވެ، އަދި ކޯޓުން ވަނީ ސިޓީ ކައުންސިލްގެ މައްޗަށް ގޯތި ނުނެގުމަށް ވަގުތީ އަމުރެއް ވެސް ނެރެފައެވެ.