English Edition
Dhivehi Edition

ދ.ވާނީގައި ތަމްރީން ހަދަނިކޮށް ހާލު ދެރަވި ފުލުސް މީހާ ނިޔާވެއްޖެއެވެ.

ވެންޓިލޭޓަރުގައި ފަރުވާދެނިކޮށް ނިޔާވެފައި ވަނީ އައްޑޫ ސިޓީ ހުޅުދޫ ރޯޒީވިލާ، އުމުރުން 34 އަހަރުގެ ހުސެއިން ގައިސްއެވެ. ގައިސް ނިޔާވެފައިވަނީ މިއަދު ހަވީރު 4:40 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ފުލުހުން ބުނީ، އެ ފުލުސް މީހާ ހަބަރު ހުސްވެފައިކަން އިނގުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް ‘ވޭކް އަޕް’ ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަށް ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން ކަމަށެވެ.

އެއާއެކު އޭނާ 04:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ކުރިން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.