English Edition
Dhivehi Edition

އިއްޔެ ހެނދުނު މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދިން ޒަހަމްކޮށްލި މައްސަލައިގައި އަދިވެސް ބަޔާނެއް ނަގައި، މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެ އާއިލާއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އާއިލާގެ ފަރާތުން ‘ސަން’ އާއި ވާހަކަދައްކަމުން ބުނީ އިއްޔެ ހެނދުނު ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަކީ ކޮވިޑް19 ގެ ކުރިން އެމްޕީއެލްގައި މަސައްކަތްކުރި ޒުވާނެއްކަމަށެވެ. އަދި އެ ޒުވާނާއަށް ހަމަލާދޭން ޖޭހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި އެ ޒުވާނާއަކީ އެއްވެސް ގުރޫޕަކާ ގުޅުމެއް އޮންނަ ޒުވާނެއް ނޫން ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

އިއްޔެ ހެނދުނު 10:10 ހާއިރު އެ ޒުވާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާ އާއި އެކު އޭޓީއެމްއަށް ދަނިކޮށް ސޯސަން މަގު ކޮޅުގައި ހުންނަ މިސްކިތް ކައިރިން ސައިކަލެއްގައި ދިޔަ ތިން މީހުން އެ ޒުވާނާގެ ކަރަށް ވަޅި ހަރާ ހަމަލާ ދިނުމަށްފަހު ވަނީ ފިލާފައެވެ. މި ހަމަލާގައި އެ ޒުވާނާއަށް ލިބުނު ޒަހަމްތަކާއި އޭޑީކޭ އާއި ހަމައަށް ދެވުނު އިރު އޭނާ ހޭނެތިފައިވާކަމަށް އާއިލާއިންވަނީ ބުނެފައެވެ. އަދިވެސް އެ ޒުވާނާ ހޭ އަރައިފައި ނުވާއިރު އެ ޒުވާނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނީ އޭނާގެ ނޭވާލާ ހޮޅި ވެސް ބުރިވެފައިވާ ކަމަށާއި ކަރުގެ ވާއަތް ފަޅިން ހުރި ނާރުތައް ވެސް ބުރިވެފައިވާކަމަށެވެ.

ރޯމާ ދުވާލު މާލޭގެ މަގުމަތީގައި ހިނގި މި ހާދިސާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންވެސް ބުނެފައިވާއިރު އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ގޮތުން އާއިލާއިން ބުނީ އެ ޒުވާނާ މަރުގެ ތުންފަތްމަތީގައި އޮތް އިރު މިކަމާއި ގުޅިގެން އަދިވެސް މީހަކު ހައްޔަރު ނުވުމަކީ އިހުމާލެއް ކަމަށެވެ. އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ވެސް ހުންނަކަން ފާހަގަކޮށް އާއިލާއިން ބުނީ އެތާ ވެސް ތިން ކެމެރާ އިންނަކަމަށެވެ.

ޓެގު