ވިހަން ކައިރިވެފައި އިން ޒުވާން އަންހެނަކު، ބޭބީ ޝަވަރ ޕާޓީ ނިންމާލަފައި ގެއަށް އައިސް ހިނގި ހަމަ ނުޖެހުމެއްގައި ފިރިމީހާ މަރާލައިފިއެވެ.
ކެޝިއާ ގޯލްޑެން 33 އަހަރު އާއި އޭނާގެ ފިރިމީހާ ކެލްވިން ސިޑްނީ 29 އަހަރު، މި ހަމަ ނުޖެހުން ހިންގީ މައިކްރޯ ވޭވް އަވަނެއް ބޭނުން ކުރަން އުޅުމުގެ ތެރޭ ގައެވެ.
މައްސަލަ ބަލާ ގާޒީ ބުނީ، ބޭބީ ޝަވަރ ޕާޓީ ނިންމާލުމަށްފަހު ދަންވަރު 3 ޖަހަން އުޅެނިކޮށް ސިޑްނީ އަތް މައްޗަށް ތަށްޓެއް ލައިގެން އަވަން ކައިރިއަށް ދަނިކޮށް ކެޝިއާ ސިޑްނީގެ ތަށީގައި ޖަހައި ތަށި ވައްޓާލުމާ އެކު އައި ރުޅީގައި ސިޑްނީ ކެއިޝާ ކޮއްޕާ ބަދިގެ ތެރޭގައި އިން ކައުންޓަރ މައްޗަށް ވައްޓާ ލިކަމަށެވެ. އެވަގުތު އެ މަންޒަރު ފެނިގެން ކެޝިއާގެ ބޮޑުބޭބެ އެ މާރާމާރީ ހުއްޓުވިއެވެ.
އޭގެ ފަހުން ސިޑްނީ ކޮޓަރިޔަށް ވަނުމުން އަނބިމީހާ ކެއިޝާ ވަޅިއެއް ހިފައިގެން ގޮސް ސިޑްނީގެ ފަޔަށް ވަޅިން ހަމަލާ ދިނުމަށްފަހު އެޕާރޓްމެންޓް ދޫކޮށް ބޭރަށް ދިޔަކަމަށް ގާޒީ ބުންޏެވެ.
ހަމަލާއަށްފަހު މައުންޓް ސިނާއީ ހޮސްޕިޓަލަށް ސިޑްނީ ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް އޭނާގެ ފައިގެ މައިނާރަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ދެމުން ދަނިކޮށް މަރުވިއެވެ. ހަމަލާ އަށްފަހު ކެޝިއާ އިރުތަކެއް ވަންދެން ބޭރުތެރޭގައި އުޅެފައި އައި އިރު އޭނާ އަށް ސިޑްނީ މަރުވި ކަމެއް ނޭނގެއެވެ. ފުލުހުން ކެޝިއާ ހައްޔަރު ކޮށްފައި ވީނަމަވެސް އޭނާގެ މަންމަ ބުނީ ކެޝިއާ އޭނާގެ ފިރިމީހާ މަރާލީ ގަސްތުގަ ނޫންކަމަށެވެ. ފަޔަށް ހަމަލާ ދިނުމުން މީހަކު މަރުވާނެ ކަމެއް ކެޝިއާ އަކަށް ނޭނގޭ ކަމަށާއި ފިރިމީހާގެ ފަޔަށް ހަމަލާ ދިނީވެސް ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ކުރުމަށް ދިފާއުގައި ދިން ހަމަލާ އެއްގެ ގޮތުގައިކަމަށެވެ.
ކެޝިއާގެ މަންމަ ބުނީ މި ދެމަފިރިންގެ ދެމެދުގައި ބޮޑެތި މައްސަލަތައް ޖެހުނު ނަމަވެސް އުޅެނީ ވަރަށް ލޯބިން ކަމަށާއި ސިޑްނީ ދުނިޔޭގައި ހުރި ނަމަ ކެޝިއާ އޭނައަށް ދިން ހަމަލާގެ މައްސަލަ ކޯޓުން އަނބުރާ ނަގާނެ ކަމަށެވެ.
ކެޝިއާ ހައްޔަރު ކޮށްފައި ވަނީ އޮކްޓޯބަރ 23ވަނަ ދުވަހު އެވެ. އޭނާ ގެ މައްޗަށް “ފަސްޓް ޑިގްރީ މާޑަރ” އެއްގެ ދައުވާ އުފުލާފައި ވެއެވެ.
މި ހާދިސާގެ ވާހަކަ ހިއްސާ ކުރަމުން ކެޝިއާ ގެ ލޯޔަރ ބުނީ، ސިޑްނީގެ ފަރާތުން ލިބުނު އަނިޔާއަށް ކެޝިއާ ފަރުވާ ހޯދުމަށް 4 ދުވަސް ހޮސްޕިޓަލްގައި ހޭދަކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ކްލަޔަންޓް އެ ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށް ފެންނަ އެތައް ހެއްކެއްވާ ކަމަށާއި ސަލާމަތް ވާން މަސައްކަތް ކުރީ އަނިޔާވެރި ފިރިމީހާ ކައިރިން ކަމަށެވެ. މީގެ އިތުރަށް ލޯޔަރ ބުނީ ކެޝިއާ ޖަލުގައި ވިހެއުމަށް ފަހު އޭނާގެ ދަރިފުޅު އޭނާ އާއި ވަކި ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.
މި އަހަރު ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހާ ދެމެދުވެސް އެތައް ފަހަރަކު ސިޑްނީ ކެޝިއާ އަށް އަނިޔާ ކޮށްގެން ފުލުހުންނަށް ގުޅާފައި ވެއެވެ. އަދި އެ ހަމަނުޖެހުން ތަކުގައި ސިޑްނީ ކެޝިއާގެ މޫނު މަތީ ޖަހައި، ކޮއްޕައި ކަރުގައި ހިފައި އަނިޔާ ކޮށްފައިވާ ކަން ލޯޔަރ ވަނީ ފާހަނގަ ކޮށްފައެވެ.